ތައިލޭންޑްގެ ނޮންބުއާލަމްޕޫ އަވަށުގައި ހުންނަ ޑޭކެއާއެއްގައި އެއީ އާންމު ދުވަހެކެވެ. ހުރިހާ ކުދިންވެސް ތިބީ ކުރެހުމާއި ލިޔުމުގައި އެކުދިންގެ ކެއާޓޭކަރުންނާއެކު ވަގުތު ހޭދަކުރާށެވެ.

3 ކްލާސް ރޫމަކަށް ހުންނަ އެ ޑޭކެއާގައި އުމުރުން 3 އަހަރުގެ އެމީ އިނީ 11 ކުދިން ތިބި ކްލާސްރޫމެއްގައެވެ. އެކުވެރިންނާ އެކު އުފާވެރި ވަގުތުތައް ހޭދަކުރަމުން ދިޔަ އިރު، އަންނާން އޮތް ބިރުވެރިކަމެއްގެ ކުޑަވެސް ހިލަމެއް އެއިން ކުއްޖަކަށްވެސް އަދި ކެއާޓޭކަރުންނަކަށްވެސް، ތަނުގެ ސެކިއުރިޓީންނަކަށްވެސް ނެތެވެ.

ކްލާސްރޫމުގައި އެކުދިން ކުރި މަސައްކަތްތަކުގެ ފޮޓޯ ނަގާ، ޓީޗަރުން އެކުދިންގެ ބެލެނިވެރިންނަށް ފޮނުވިއެވެ. އެއީ އޮކްޓޯބަރު 6، 2022 ވީ ބުރާސްފަތި ދުވަހުގެ ހެދުނު 10:00 އެވެ.

އޭގެ 2 ގަޑިއިރު ފަހުން، ގަޑިން 12 ޖެހުމާއެކު އެކުދިންގެ ނެޕް ޓައިމް (ކުޑަވަގުތުކޮޅަކަށް ނިދާލުން) ފެށުމާއެކު އެމީ އާއި އެކުވެރިން އޮށޯތީއެވެ.

އެ ހަމަހިމޭން ވަގުތު ކޮޅު ނާމާން ކަމަށް ބަދަލުވީ، ހަތިޔާރު އަޅައިގެން ހުރި މީހަކު ޑޭކެއާއަށް ވަދެ ހަމައެއް ލަމައެއް ނެތި ބަޑިޖަހަން ފެށުމުންނެވެ.

ރިޕޯޓްތައް ބުނާގޮތުން، ޝޮޓްގަން އަކާއި، ފިސްތޯލައަކާއި ވަޅިއެއް ހިފައިގެން ހުރި އުމުރުން 34 އަހަރުގެ އެ މީހާ ޑޭކެއާ އަށް ވަންނަމުން ފުރަތަމަ މަރާލީ، ސެކިއުރިޓީ ގާޑެވެ. އެއަށް ފަހު ޓީޗަރުންނާއި އެހެން ސްޓާފުން ގަޔަށް ބަޑިޖަހާ ވަނީ މަރާލާފައެވެ. އޭގެ ތެރޭގައި ބަނޑަށް 8 މަހުގެ ޓީޗަރަކުވެސް ހިމެނެއެވެ.

ޑޭކެއާ ކްލާސްރޫމުގައި މަރުވެފައި ތިބި ކުދިންގެ ގައިމަތީގައި ފޮތި އަޅާފައި ވާ އިރު ސަލާމަތީ އޮފިޝަލަކު މާޔޫސްކަމާއެކު އިށީނދެލައިގެން

ކުރިން އަސްކަރިއްޔާގައި އުޅުނު، މަސްތުވާތަކެތީގެ މައްސަލައެއްގައި ވަޒީފާއިން ކަނޑާލި އެ މީހާ ދެން ދިމާ ކުރީ ތުއްތު ކުދިންތައް ނިދާފައި ތިބި ކްލާސްރޫމަށް ވަންނާށެވެ.

ކްލާސްރޫމަކުން ކްލާސްރޫމަކުން އޭނާ ދިޔަދީ ނިދާފައި ތިބި ހުރިހާ ކުދިންގެ ގަޔަށް ބަޑިޖަހާ މަރަމުންނެވެ. އެމީވެސް އެވަގުތު އޮތީ ނިދާފައެވެ.

"އެމީ ސަލާމަތްވީ ގޮތެއް އެއްގޮތަކަށްވެސް ނޭނގެ، އެމީ އިނީ ކޮޅަށް، އެމީ ހީކުރީ އޭނާގެ އެއްވެސް އެކުވެރިޔަކު ހޭނުލަނީކަމަށް، ވާނުވާ ނޭނގިފަ އިނީ" އެމީގެ 59 އަހަރުގެ ކާފަ ކިޔައިދީފައި ވެއެވެ.

ބަޑީގެ ހަމަލާ ދިން މީހާ، ޑޭކެއާ ދޫކޮށްފައި ދިޔަ ފަހުން ފުލުހުންނަށް އާދެވުނު އިރުވެސް އެމީ އިނީ މަރުވެފައިވާ އޭނާގެ އެކުވެރިންގެ ހަށިގަނޑުތަކުގެ ކައިރީގައި ގަބުވެފައެވެ. ސެކިއުރިޓީ އޮފިސަރުންނަށް އެމީ ފެނި، އެމީގެ މޫނު ނިވާކޮށްގެން އުރާލައިގެން އެ ޑޭކެއާގެ މަތީ ފަންގެފިލާއަކަށް ގެންދިޔައެވެ.

ޑޭކެއާ ހަމަލާގައި މަރުވި ކުދިންނާއި އާންމުންގެ ގަުބުރުތަކުގެ ކައިރީގައި އާއިލާތަކުން ރޮއި ހިތާމަކުރަނީ

އެމީގެ ހުރިހާ އެކުވެރިން މަރުވި މި ހާދިސާގައި އެމީ ސަލާމަތްވި ގޮތް ހައިރާން ކުރުވި އިރު، އޭނާ މައްޗަށް ގެންދިޔައީ ކުދިންގެ ގައިން އޮހެރި އެ ކްލާސްރޫމުގެ ތެރެއަށް ފެތުރިފައިވާ ލެއިން ދުރުކުރުމަށެވެ.

އެމީ ސަލާމަތްކޮށް އެތަނުގެ ދެވަނަ ފަންގިފިލާޔަށް ގެންދިއުމަށް ފަހު ސަލާމަތީ ފަރާތްތަކުން ވަނީ ދިރި ހުރި އެއްވެސް ކުއްޖަކު ފެނުމުގެ އުންމީދުގައި އެހެން ކްލާސްރޫމްތަކުގައި އަތް ފުނާއަޅާ ބަލާފައެެވެ. މި ނުރައްކާތެރި ޖަރީމާއިން ސަލާމަތްވި ހަމައެކަނި ކުޑަ ކުއްޖާއަކީ އެމީއެވެ. މިހާދިސާގައި ޖުމްލަ 37 މީހަކު މަރުވެފައި ވާއިރު އޭގެ ތެރޭގައި ހަމަލާދިން މީހާގެ އަންހެންނުނާއި ދޮން ދަރީގެ އިތުރުން އިތުރުން ހިމެނެނީ 24 ކުޑަކުދިން ހިމެނެއެވެ.

އެމީގެ ކާފަ ބުނާ ގޮތުގައި އެމީ ސަލާމަތްވީތީ ޝުކުރުވެރިވާ ކަމަށާއި އެމީ ފެނުމާއެކު އުފަލުން ގޮސް ބައްދާލެވުނު ކަމަށެވެ.

އެ ނުރައްކާތެރި ހާދިސާ ހިނގި އިރު އެމީގެ މަންމަ އުމުރުން 35 އަހަރުގެ ޕަނޮމްޕައި ސްރިތޮންގް އޭރު ހުރީ މަސައްކަތެއްގައި ބޭންކޮކްގައި ކަމަށާއި އޭނާއަށް ލިބުނީ ހުރިހާ ކުދިން މަރުވި ހަބަރު ކަމުގައި ވީއިރު އެމީ ދިރި ހުރި ވާހަކަ ގަބޫލުކުރަން ވެސް އޭނާއަށް ވީ ދަތިކަމަކަށެވެ. އަދި ދިރިހުރިކަން ގަބޫލު ކުރެވެނީ ވީޑިއޯކޯލެއް ކޮށް އެމީ ފެނުމުން ކަމަށް ވެސް ބީބީސީގައި ވަނީ ރިޕޯޓް ކޮށްފައެވެ.

"ވީޑިއޯ ކޯލް މެދުވެރިކޮށް އެމީ ފެނުމުން ބުނެދޭން ނޭނގޭ ހިތްހަމަ ޖެހުމެއް ލިބުނު"
އެމީގެ މަންމަ، ޕަނޮމްޕައި ސްރިތޮންގް

ތައިލޭންޑްގެ އިރުއިތުރުގައި އޮންނަ ކުޑަ އަވަށުގެ އެ ޑޭކެއާގެ ހަމަލާއާ ގުޅިގެން އެ އަވަށް މިހާރު ވަނީ ފުން ހިތާމައެއް ތެރޭގައެވެ. ހައިރާން ކަމާއި ޝޮކެއްގައި ތިބި އެންމެން ކަރުނަ އަޅާ ރޮނީއެވެ.

މި ހާދިސާ އެމީއަށް ކިޔައިދޭނެ ގޮތެއް ނޭނގި އެމީގެ އާއިލާވެސް ހިމެނޭހެން ހާސްކަމެއްގައި ތިބި އިރު، އެމީ އެންމެ ކުޅޭ ހިތްވާ "ހެލޯ ކިޓީ" އާއެކު ބަގީޗާގައި ކުޅެން އިންނަ ވަގުތުތަކުގައި އޭނާގެ އެންމެ ގާތް ރަހުމަތްތެރިޔާ އާ ބެހޭ ގޮތުން މިހާރުވެސް ސުވާލުކުރާ ކަމަށް އާއިލާއިން ބުނެއެވެ.

ނަމަވެސް ހިތްވަރުކޮށްފައި ކިޔައި ދެވޭނެ މިންވަރަށް އެމީގެ ކާފަމެން ވަނީ އޭނާގެ ރައްޓެހިންނާއި ޓީޗަރުން މަރުވެފައިވާ ކަމަށާއި ޑޭ ކެއާވެސް ބަންދުކޮށްފައިވާ ކަމުގެ ވާހަކަ ކިޔައިދީފައި ކަމަށް މަންމަ ވަނީ ބުނެފައެވެ. އެހެންނަމަވެސް އަދިވެސް ސްކޫލަށްދާން ބުނާ ކަމަށާއި މަރުވުމަކީ ކިހިނެއް ވާ ކަމެއް ކަން އިނގޭ ވަރަށް ވުރެ އެމީ ކުޑަކަމަށް އޭނާގެ މަންމަ ބުނެއެވެ.

ޑޭކެއާ ހަމަލާގައި މަރުވި ކުދިންނާއި އާންމުންގެ އާއިލާތަކުން ރޮއި ހިތާމަކުރަނީ

މިހާރު މި ހާދިސާގައި މަރުވެ ދިޔަ މީހުންގެ ހަނދާން އާކޮށް ހިތާމަ ފާހަގަކުރުން މުޅި އަވަށުގައި ކުރިއަށް ދާއިރު ފަސޭހަ ކަމާއެކު ހަތިޔާރު އާންމުކޮށް ގަންނަން ލިބެން ހުންނާތީ އާންމުން ދަނީ ކަންބޮޑުވުން ވެސް ފާޅުކުރަމުންނެވެ. މި ހާދިސާގެ ހިނގި ސަބަބު އަދިވެސް އެނގިފައި ނުވާއިރު އެ ޕޮލިސް އޮފިސަރު ވަނީ، އެހާދިސާ އަށް ފަހު އޭނާ ދިރިއުޅޭ ގެއަށް ގޮސް އަންހެނުންނާއި ދޮން ދަރި މަރާލުމަށް ފަހު އޭނާވެސް އަމިއްލައަށް މަރުވެފައެވެ.

"އަހަރެމްނެގެ ދަރިންނަށް ރައްކާތެރި ތަނަކީ ކޮބާ؟، ވަރަށް ދެރަ، އާދޭސްކޮށްފައި ބުނަން، އަހަރެމެންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ" ތައިލޭންޑްގެ ކަމާބެހޭ ފަރާތްތަކަށް އަމާޒުކޮށް ބެލެނިވެރިން ކުރާ އާދޭކަހީ މިއެވެ.