އއ. އުކުޅަކަށް ދަތުރުކުރި ލޯންޒަކުން ގެއްލިގެން ހޯދަމުން ދަނީ އުމުރުން 28 އަހަރުގެ މުހައްމަދު މިންހާޖު ކަމަށް ސިފައިން ބުނެފިއެވެ. އޭނާ އަކީ ސ. ހިތަދޫ މިންހާ ގެ އަށް ނިސްބަވްތާ ޒުވާނެކެވެ.

މާލޭ ކުނިކޮއްޓާ ދިމާއިން 36 މީހުންގެ ޖާގައިގެ ލޯންޗެއްގައި 2 މީހަކު ދަތުރު ކުރަމުން ދަނިކޮށް ލޯންޗް ބަންޑުން ޖަހާލާފައި އޮއްވާ ފެނުނީ އއ. މާޅޮހު ދެކުނުން ފެރިދޫއާ ދެމެދަށެވެ. އެ ލޯންޗުން ދަތުރު ކުރި 2 މީހުންގެ ތެރެއިން އެކަކު ފެރިދޫ ފަރުމަތިން ފެނިފައި ވާ އިރު އޭނާގެ އާއިލާގެ އެދުމުގެ މަތިން މިހާރު ވަނީ މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދެމުންނެވެ.

ދަތުރު ކުރި 2 ވަނަ މީހާ އަދި ނުފެންނަ އިރު އެމްއެންޑީއެފްގެ ވަސީލަތްތައް ބޭނުން ކޮށްގެން އެއްގަމާއި ކަންޑުން 35 ނޯޓިކަލް މޭލުގެ ސަރަހައްދު މިޙާރުވެސް ބަލައިފިއެވެ.

މި މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޝަހީދު އަލީއާއި ފާސްޓް އިންޓަސެޕްޓް ކުރާފްޓް "ހަކުރާ" އަދި އެމްއެންޑީއެފް ޑޯނިއާ ފްލައިޓް ދަނީ މިހާރުވެސް އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުންނެވެ.

މި މަހުގެ 5 ވަނަ ދުވަހު މާލެ އިން ފުރި މި ލޯންޗް ބަންޑުން ޖަހާލި ހާދިސާގެ މައުލޫމާތު އާންމު ވީ ހާދިސާ ހިނގިތާ 1 ދުވަސް ފަހުންނެވެ. ލޯންޗް ބަންޑުންޖަހާލައި 2 މީހަކު ގެއްލިގެން ހޯދަމުން ދިޔަ އިރު، ލޯންޒް ދަތުރު ކުރަމުން ދިޔަ މަންޒިލާ މެދު މިހާރު ގިނަ ސުވާލުތަކެއް ވަނީ އުފެދިފައެވެ.

މާލެއިން އުކުޅަހަށް ދަތުރުކުރާ ލޯންޗެއްގައި އާންމުކޮށް ނުހުންނަ އަދަދަކަށް އެ ލޯންޗުގައި ޕެޓްރޯލް ހުރުމާއި، އުކުޅަހުގެ ހުޅަނގު ދެކުނުން ލޯންޗް ފެނުމާއި އުކުޅަހުގެ ހުޅަނގު ބިތުގައި އެއްވެސް ރަށެއް ނެތި މާކަނޑު އޮތުމުން ދަތުރުގެ މަންޒިލާ މެދު ސުވާލު އުފެދެއެވެ.

ލޯންޗް ބަންޑުން ޖަހާލި ހާދިސާގައި ފެރިދޫ ފަރުމަތިން ފެނުނީ ކ. ގާފަރަށް ނިސްބަތްވާ މީހެކެވެ. ނުފެންނަ މިންހާޖާ ބެހޭ މާ ބޮޑު ތަފްސީލެއް ކަމާ ބެހޭ އިދާރާތަކުން އަދި ހާމަ ކޮށްފައި ނުވާ އިރު، އެ ހާދިސާއާ ގުޅުން ހުރި އިތުރު ކަންތައްތަކެއް ހުރިތޯ ފުލުހުން މިހާރު ދަނީ ބަލަމުންނެވެ.

މި މީހާ އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ކޯސްޓްގާޑުގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 ،3398898 ނަންބަރަށް ގުޅުމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި ވައިބާ ކުރާނަމަ 9931082 އަދި ފެކްސް ކުރާ ނަމަ 3391665 ނަމްބަރަށް ފެކްސްކުރެއްވުން އެދޭ ކަމަށް ވެސް އެމްއެންޑީޢެފުން ބުނެއެވެ.