ރިޔާސީ ވައުދުގެ ގޮތުގައި ވ. އަތޮޅު ރައްޔިތުންނަށް ދޭން ހުށަހެޅި ރަށެއް ކަމަށް ވާ ވ. ހުޅިދޫ ދިނުމަށް ގޮވާލައި އެ އަތޮޅުގައި ގެސްޓް ހައުސްގެ ވިޔަފާރި ކުރާ ފަރާތްތަކުން މިއަދު ކަނޑުމަތީ އިހުތިޖާޖް ކޮށްފިއެވެ.

މި އިހްތިޖާޖު ކޮށްފައި ވަނީ ހުޅިދޫ ކައިރީގައި އެ ރަށް ވަށައިގެން ކަނޑުގެ ސަރަހައްދުގައި 10 އުޅަނދެއްގައި 50 އަށް ވުރެ ގިނަ މީހުން ބައިވެރިވެގެނެންނެވެ. މި އިހުތިޖާޖު ކުރިއަށް ދިޔަ އިރު އިހުތިޖާޖުގެ ބައިވެރިން ވަނީ ޝުއުރޫތައް ފާޅުކުރުމަށް ލިޔުންތައް ލިޔެފައިވާ ބޯޑުތަކާއި ބެނާތައް ބޭނުން ކޮށްފައެވެ. އެ ގޮތުން މި ސަރުކާރުން ވީ ވައުދު ފުއްދުމަށާއި، ވ. އަތޮޅު ވިއްކައި ހުސްކޮށް ނުލުމަށް ވެސް ވަނީ ގޮވާލާފައެވެ.

މި އިހްތިޖާޖާ ގުޅޭ ގޮތުން "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ފެލިދެއަތޮޅު އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ ވިދާޅުވީ، އެއީ ވ. ހުޅިދޫ ވ. އަތޮޅު ރައްޔިތުންނާ ހަވާލުކޮށް ދިނުމަށް ގޮވާލައި މި މައްސަލއިގައި ރައްޔިތުން ޝުއޫރު ފާޅުކުރުމަށް އެ އަތޮޅުގައި ގެސްޓް ހައުސް ހިންގާ ފަރާތްތަކުން ކުރިއަށް ގެންދިޔަ އިހްތިޖާޖެއް ކަމަށެވެ. ވ. ހުޅިދޫ ތަރައްގީ ކުރުމަށް އެގްރިމަންޓްގައި ބަޔާންކޮށްފައިވާ މުއްދަތަށް އެގްރިމެންޓް ކުރެވިފައިވާ މަސައްކަތްތައް ފުރިހަމަކޮށްފައި ނުވާ ކަމަށް ސުޖާއު ވިދާޅުވިއެވެ. އަދި އެގްރިމެންޓާ ހިލާފުވެ އަދި ރަށްތައް ތަރައްގީކޮށް ހިދުމަތަށް ފުރިހަމަކުރުމަށް އެގްރިމެންޓް ކުރެވުނު މުއްދަތު ހަމަވެފައިވާ ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

"ސަރުކާރުގެ ގުޅުން އޮންނަ ފަރާތްތަކަށް އޮންނަ ރަށެއްގެ ގޮތުގައި ހުޅިދޫ އޮތީމައި އެއިން އެއްވެސް ކަމަކަށް ރިޔާއަތް ނުކޮށް އެ އޮތް ގޮތަށް އެރަށް ބާއްވާފައި އޮތީ. ރައްޔިތުންނަށް ވާ ފައިދާއެއް ނޯވޭ. ދައުލަތަށް ވާ ފައިދާއެއް ނެތް. އެރަށް ތަރައްގީކުރަން އެއްބަސްވެފައި ހުރި މަސައްކަތްތަކެއް ނުކުރޭ. މަސައްކަތް ކޮށްފައި ހުރީ ގާނޫނާ ގަވާއިދާ ހިލާފަށް"
ޝުޖާއު އަލީ

ވ. އަތޮޅު ކައުންސިލުގައި އެ މައްސަލަތައް ހިއްސާ ކުރައްވާފައި ވާނެ ކަމަށާއި އެ ރަށް ރައްޔިތުންނަށް ހޯދައި ދިނުމަށް ސަރުކާރުގައި އެދިވަޑައިގެންފައި ވެސް ވާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ. ނަމަވެސް ހުށަހަޅާފައިވާ އެއްވެސް ކަންބޮޑުވުމަކަށް ރިއާއަތް ކުރުމެއް ނެތި އެ ރަށް ދައުލަތުގެ އިސްވެރިންނާ ހިސާބުން ދޫކޮށްލާފައިވާ ކަން ފާހަގަ ކުރެވިފައިވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ. އެހެންކަމުން މިއަދު ކުރިއަށް ގެންދިޔަ އިހްތިޖާޖަކީ އެކަމުގެ ނުރުހުން ފާޅުކޮށް، ހިތްހަމަނުޖެހުމުގެ ޝުއޫރު ފާޅު ކުރުމަށް ހިންގި ހަރަކާތެއް ކަމަށް ޝުޖާއު ވިދާޅުވިއެވެ.

https://youtube.com/shorts/YiXhy3BBRAw

ވ. ކެޔޮދޫގައި ވަނީ ވ. އަތޮޅުގެ ގެސްޓްހައުސްތައް ހިންގާ އިސް ވެރިންގެ ބައްދަލުވުމެއް ވެސް ދާދި ފަހުން ބާއްވާފައެވެ. އެ ބައްދަލުވުމުގައި ގެސްޓްހައުސްތައް ހިންގާ ފަރާތްތަކުގެ ކަންބިޑުވުންތައް ހިއްސާކޮށް އެ ކަންކަމަށް ހައްލެއް ހޯދޭނީ އެންމެން އެކުގައި މަސައްކަތް ކޮށްގެން ކަމަށް ނިންމާފައި ވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ. އެގޮތުން އެންމެން ގުޅިގެން ކުރާ މަސައްކަތެއްގެ ނަތީޖާ މާ ފުރިހަމައަށް ފެންނާނެ ކަމަށާއި މުޅި ގެސްޓްހައުސް އިންޑަސްޓްރީގެ ހިމާޔަތުގައި މުޅި އިންޑަސްޓްރީގެ އެންމެން އެކުގައި މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި މި މަސައްކަތަކީ ވ. އަތޮޅުގެ މުސްތަގްބަލަށްޓަކައި ކުރާ މަސައްކަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ވ. ހުޅިދޫ އެ އަތޮޅު ރައްޔިތުންނާ ހަވާލު ކުރުމަށް ގޮވާލައި ހުޅިދޫ ކައިރީ ކަނޑުމަތީގައި އިހުތިޖާޖު ކުރަނީ

ދަނޑުވެރިކަން ތަރައްގީި ކުރުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރުން ވ. އަތޮޅުން ކުއްޔަށް ދީފައިވާ ވ. ހުޅިދޫގައި ދަނޑުވެރިކަމާ ގުޅޭ އެދެވޭ މަސައްކަތެއް ނުކުރާކަމާއި، ރަށުގެ ބޭނުން އެހެން ބޭނުންތަކުގައި ބޭނުން ކުރަމުން ގެންދާ ކަމާއި، ރަށުގެ ވެއްޓަށް ގެއްލުން ދެމުން ދާކަމުގެ ކަންބޮޑުވުންތައް އާންމު ރައްޔިތުންގެ ފަރާތުން މީގެ ކުރިން ވެސް ވަނީ އަތޮޅު ކައުންސިލަށް ހުށަހަޅާފައެވެ.

އަދި ވ. ހުޅިދޫގެ އެއްބަސްވުން ބާތިލް ކޮށް އެރަށް ވ. އަތޮޅު ރައްޔިތުންގެ ބޭނުމަށް ލިބޭނެ ގޮތް ހަދައި ދިނުމަށާއި، ވ. އަތޮޅުގެ ރައްޔިތުން ދަތުރު ދާނެ ރަށެއްގެ ގޮތުގައި ވ. ހުޅިދޫ ހަމަޖައްސައި ދިނުމަށް ވެސް ވަނީ އެދިފައެވެ.

ދަނޑުވެރިކަން ތަރައްގީ ކުރުމަށް 2017 ވަނަ އަހަރުގެ ތެރޭގައި ވ. ހުޅިދޫ ކުއްޔަށް ދޫކޮށްފައި ވަނީ "އާރަށް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް" އަށެވެ. "އާރަށް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް" އަށް ވ. ހުޅިދޫ ލިބިފައި ވަނީ، ވ.އަތޮޅު "އާރަށް" ކުއްޔަށް ދޫކޮށްފައިވާ ދުވަސްވަރުގައެވެ.

ވ. ހުޅިދޫގެ އިތުރުންވެސް މީގެ ކުރިން އެގޮތަށް ދޫކޮށްފައިވާ ރަށްތައް އެގްރިމަންޓާ ހިލާފަށް ތަރައްގީ ކުރަމުންދާ މައްސަލަ އާއި، އެ ރަށްރަށުން އަތޮޅުގެ ރައްޔިތުންނަށް ފައިދާ ނުވާ މައްސަލަތައް ހުށަހަޅާފައި ވެއެވެ.