އަންނަ މަހުގެ 20 ވަނަ ދުވަހު ފަށާ ފީފާ ވޯލްޑް ކަޕް 2022 ގެ ތީމް ލަވަ ބޮލީވުޑްގެ މަޝްހޫރު ނެށުންތެރިޔާ ނޯރާ ފަތޭހީ އާއެކު އާންމުކޮށްފިއެވެ.
އިއްޔެ މި ލަވަ ނެރުނު އިރު މި ލަވައަށް ގިނަ ބައެއްގެ ތަރުހީބު ލިބެމުން އެބަ ދެއެވެ. ނޯރާ އާއެކު މިލަވައިގައި ހަރަކާތްތެރިވާ ތަރިންނަކީ އެމިރޭޓް ލަވަކިޔުންތެރިޔާ ބަލްގީސް، އިރާގުގެ ފިލްމީތަރި ރަހްމާ ރިއާދު އަދި ލަވަކިޔުންތެރިޔާ މަނާލް އެވެ. ދުނިޔޭގެ އެންމެ ވަރުގަދަ ރިކޯޑް ޕްރޮޑިއުސަރުންގެ ތެރޭގައި ހިމެނޭ ރެޑްވަން މި ލަވަ ޕްރޮޑިއުސްކުރި އިރު މި ލަވައަށް ދިން ނަމަކީ "ލައިޓް ދަ ސްކައި"އެވެ.
ނޯރާ އަށް މިފަދަ ފުރުސަތެއް ލިބުމުން މުޅި ބޮލީވުޑްވެސް އަންނަނީ އެކަމާ އުފާފާޅުކުރަމުންނެވެ. މިއާއެކު ނޯރާވެގެން ގޮސްފައި މިވަނީ އިންޑިއާ އަދި ސައުތު އީސްޓް އޭޝިއާ ތަމްސީލުކުރާ ފުރަތަމަ ތަރިއަށެވެ. ވޯލްޑް ކަޕް ތީމް ލަވައެއްގައި ހިއްސާވުމުގެ ފުރުސަތު ލިބުނު އިރު ވޯލްޑް ކަޕް ލަވައިގައި މީގެ ކުރިން ހިއްސާވާން ލިބުނު ބައެއް ތަރިންގެ ތެރޭގައި ޝަކީރާ އަދި ޖެނިފާ ލޮޕޭޒް ހިމެނެއެވެ. އޭގެތެރެއިން 2010 ވަނަ އަހަރު ޝަކީރާގެ ހިތްގައިމު އަޑުން ކިޔާފައިވާ "ވައްކާ ވައްކާ" އަށް ބޮޑު ތަރުހީބެއް ލިބުނެވެ. އެ ލަވައަކީ މިއަދުވެސް ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ވޯލްޑްކަޕްގެ އެންމެ ރީތި އެއް ލަވައެވެ. ދެން އާންމުންނަށް އެންމެ ކަމުދިޔައީ "ލާ ލާ ލާ" މި ލަވައެވެ.
އެކްޓިންގެ ދާއިރާ އިން ވެސް މިހާރު ފުރުސަތު ލިބެމުން އަންނަ ނޯރާ ފަތެހީ އާންމުންގެ މެެދުގައި މަގްބޫލުވެގެން ދިޔައީ 2018 ވަނަ އަހަރު ނެރުނު "ދިލްބަރު" ލަވައިންނެވެ.