ކެންސަރު ބަލި ތަހައްމަލު ކުރަމުންދާ ބަލިމީހުންނަށް ސައިކޮލޮޖިކަލް ސަޕޯޓްދިނުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު، މަޝްވަރާ ކުރައްވައިފިއެވެ.

މި މަޝްވަރާ ކުރައްވާފައިވަނީ ފަޒްނާ ބަހްރައިންގެ ކިންގް ހަމަދު ޔުނިވާސީޓީ ހޮސްޕިޓަލަށް ކުރެއްވި ޒިޔާރަތުގައެވެ.

މި ޒިޔާރާތުގައި އެކަމަނާ ވަނީ އެ ހޮސްޕިޓަލުން ފޯރުކޮށްދޭ އެންމެފަހުގެ ޒަމާނީ ސިއްހީ ހިދުމަތްތަކާއި ހިދުމަތް ދިނުމުގައި ގެންގުޅޭ އުސޫލުތަކާއި އަދި އެތަނުގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ސްޓްރެޓެޖީތަކާ ގުޅޭގޮތުން މައުލޫމާތު އޮޅުންފިލުވާފައި ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.

ރައީސް އޮފީހުން ބުނީ، ބަހްރައިން އިންސްޓިޓިއުޓް އޮފް ޕލްސް އެންޑް ޖެމްސްޓޯންއަށް ކުރެއްވި ޒިޔާރަތުގައި ފަޒްނާ ވަނީ ޖެމޮލޮޖިކަލް ލެބޯޓްރީތައް ބައްލަވާލައްވާފައިވާ ކަމަށެވެ.

މުހައްރަގް ގަވާނަރޭޓްގައި ހުންނަ ކިންގް ހަމަދު ޔުނިވަރސީޓީ ހޮސްޕިޓަލަކީ މަތީ ފެންވަރުގެ މެޑިކަލް ފެސިލިޓީތަކާއެކު އެންމެ ފަހުގެ ޓެކްނޮލޮޖީއާއި ، ފަރުވާދިނުމުގެ އެންމެޒަމާނީ ގޮތްތަކަށް އަހުލުވެރިވެފައިވާ ހޮސްޕިޓަލެކެވެ.

ހޮސްޕިޓަލަށް ބޭނުންވާ މެޑިކަލް، ޓެކްނިކަލް އަދި އިދާރީ މުވައްޒަފުންނަށް ތަމްރީނުދިނުމާއި މެދުކެނޑުމެއްނެތި މުވައްޒަފުންގެ މަސައްކަތުގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން އެ ހޮސްޕިޓަލުން އަންނަނީ އެކަޑަމިކް އިންސްޓިޓިއުޓްތަކާއި ގުޅިގެން މަސައްކަތްކުރަމުންނެވެ.

ބަޙްރައިން އިންސްޓިޓިއުޓް އޮފް ޕާލްސް އެންޑް ޖެމްސްޓޯން އަކީ ބަހްރެއިންގެ ޒަމާންވީ މުތީ ތާރީޚު ދައްކުވައިދޭ، އަދި މުތީ ޓެސްޓްކޮށް ދިރާސާކުރުމުގެ ރޮނގުން ޚާއްޞަވެފައިވާ، އަދި އެތަރިކަ ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ގާއިމުކޮށްފައިވާ ދުނިޔޭގެ ފެންވަރުގެ ޖެމޮލޮޖިކަލް ލެބޯޓްރީއެކެވެ. މިތަނަކީ ބަޙްރައިންގެ ވަލީއަޙްދު އަދި ބޮޑުވަޒީރު ސަލްމާން ބިން ޙަމަދް އަލް އީސާ އަލް ޚަލީފާގެ އިރުޝާދުގެ ދަށުން 2017 ވަނަ އަހަރު އުފެއްދި ތަނެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބަހްރައިންއަށް ވަޑައިގެންނެވީ ބަހްރައިންގެ ރަސްގެފާނު ހަމަދު ބިން އީސާ އަލް ހަލީފާގެ ދައުވަތަކަށް އެ ގައުމަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައެވެ.

.