ދިވެހި ސަރުކާރާއި ބަޙްރައިން ޓެލެކޮމިއުނިކޭޝަން ކޮމްޕެނީ (ބަޓެލްކޯ) އާއި ދިރާގާ ދެމެދު، ރާއްޖޭގައި ސައިބާ ސެކިއުރިޓީ އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ތަޖުރިބާކާރުންގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ މެމޮރަންޑަމް އޮފް އަންޑަސްޓެންޑިން (އެމްއޯޔޫއެއްގައި) ސޮއިކޮށްފިއެވެ.
މި އެމްއޯޔޫގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ބަހްރައިންއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މި އެމްއޯޔޫގެ ދަށުން، ރާއްޖޭގެ ޑިޖިޓަލް ތަރައްގީގައި އެންމެ އިސްކޮށް މަސައްކަތް ކުރާ އޭޖެންސީ، ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަންޓެކްނޮލޮޖީ (އެންސީއައިޓީ) އިން ދިވެހިންނަށް ރައްކާތެރި ސައިބާ ސްޕޭސްއެއް ކަށަވަރުކޮށްދިނުމުގެ ގޮތުން، ދިރާގާއި ބަޓެ ލްކޯގެ ބިޔޯންސައިބާގެ ތަޖުރިބާކާރު ވަސީލަތްތައް މެދުވެރިކޮށް ހިދުމަތް ލިބިގެންދާނެ ކަމަށް ދިރާގުން ވަނީ ބުނެފައެވެ.
އޭގެ ތެރޭގައި؛
- އެޑްވައިޒަރީ އަދި ކޮންސަލްޓެންސީ
- ސެކުއިރިޓީ އިންޖިނިއަރިން
- ސައިބާ ޑިފެންސް
- ސެކިއުރިޓީ އެޝިއުރެންސް
- ސައިބާ ތުރެޓް އަދި ތުރެޓް ހަންޓިން
- އިންސިޑެންޓް ރެސްޕޮންސް ހިމެނެއެވެ.
ސައިބާ ސެކިއުރިޓީއަށް ބޭނުންވާ ސްޕެޝަލައިޒްޑް ޕްރޮފެޝަނަލުންނަކީ ގައުމީ އަދި ބައިނަލްއަޤުވާމީ ފެންވަރެއްގައި ޕްރައިވެޓް އަދި ޕަބްލިކްސެކްޓާގެ ގިނަ ސްޓޭކް ހޯލްޑަރުންނާއެކު މަސައްކަތްކުރާ ބަޔަކަށް ވާންޖެހޭ ކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑްޓެކްނޮލޮޖީ އޮނަރަބަލް އާމިނަތު ޝައުނާ ވިދާޅުވިއެވެ. އަދި ބަޓެލްކޯ އަދި ދިރާގާއެކު މިވީ އެއްބަސްވުމުގެ ސަބަބުން، ރާއްޖޭގައި ސައިބާ ސްޕޭސް އަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ރައްކާތެރި ތަނަކަށް ހެދުމަށާއި، ސަރުކާރުގެ ގާބިލުކަން އިތުރުކުރުމަށްކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ލިބިގެންދާނެކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ޝައުނާ ވިދާޅުވިއެވެ.
ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ވިދާޅުވީ، ރާއްޖޭގައި ސައިބާ ސެކިއުރިޓީ އިންފްރާސްޓްރަކްޗާ ވަރުގަދަކުރުމަށް ބަޓެލްކޯގެ ބިޔޯން ސައިބާއާ ގުޅިގެން ދިވެހި ސަރުކާރަށް އެއްބާރުލުން ދިނުމަކީ ލިބޭ ފަހުރެއް ކަމަށެވެ. މި މަޝްރޫއުގެ ޒަރިއްޔާއިން އެންސީއައިޓީ އާއެކު އިލްމާއި ތަޖުރިބާ ހިއްސާކޮށް، ސަރުކާރާއި ވިޔަފާރިވެރިންނާއި ހުރިހާ ރައްޔިތުންނަށް ވެސް ފައިދާކުރާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް އިސްމާއިލް ރަޝީދު ވިދާޅުވިއެވެ.