އެހެން އަހަރުތަކާ ހިލާފަށް މިއަހަރުގެ ވޯލްޑްކަޕް އާންމުކޮށް ހިލޭ ބެލޭނެ ފުރުސަތު ހަނިވާ ގޮތަށް ލިސްޓެޑް އިވެންޓްސް ކަނޑައަޅާ އާންމުކޮށްފިއެވެ.

މިދިޔަ މަހު 19 ވަނަ ދުވަހު މިހާރުގެ ބޮރޯޑްކާސްޓިން ކޮމިޝަނުން ހެދި އާ ގަވައިދިގެ ދަށުން، އާންމުކޮށް ހިލޭ ފެންނަން ޖެހޭ ޓީވީއެމްގެ ޗެނަލުން ވޯލްޑްކަޕްގެ މެޗުތައް ހިލޭ ނުފެންނާނެއެވެ. އާ ގަވާއިދު ބުނާ ގޮތުން، ވޯލްޑްކަޕްގެ ފަށާ މެޗާއި ނިންމާ މެޗް ޓީވީއެމަށް ހިލޭ ދެއްކޭނެއެވެ. ނަމަވެސް ދެން ހުރި މެޗްތައް ޕީއެސްއެމް ނުވަތަ ޓީވީއެމް އިން ދައްކާނަމަ އަގު ދައްކަން ޖެހޭނެއެވެ.

މީގެ ކުރިން 2014 އަދި 2018 ވަނަ އަހަރުގެ ވޯލްޑްކަޕް ދެއްކުމާ ބެހޭ ގޮތުން ބްރޯޑްކާސްޓިން ކޮމިޝަނުން ކުރި އިއުލާނުތަކެއްގައި ފީފާ ވޯލްޑް ކަޕަކީ ލިސްޓެޑް އިވެންޓެއް ކަމަށް ބުނެފައި އޮތުމުން އޭރު ހުރިހާ މެޗެއް ގޭގައި ތިބެ ހިލޭ ބަލާލެވުނެވެ. ނަމަވެސް އެންމެ ފަހުން ބޭއްވި ވޯލްޑްކަޕްގެ ރައިޓްސް ރާއްޖޭގެ އެއްވެސް ފަރާތަކުން ނަގާފައި ނުވުމުން، ޓީވީއެމުން މެޗްތަށް ދެއްކުމަށްޓަކައި ރައިޓްސް ހޯދަން 700 ޑޮލަރު ހަރަދު ކޮށްފައިވެއެވެ.

އޭރު މީޑިއާނެޓްގެ ބައެއް ސްޕޯޓްސް ޗެނަލްތަކުން ވޯލްޑްކަޕް ފެނުނު ނަމަވެސް، މިފަހަރު ރާއްޖެ ހިމެނޭ މި ރީޖަންގެ ވޯލްޑްކަޕް ރައިޓްސް ވަޔާކޮމް 18 އިން ނަގާފައި ވުމުން މީޑިއާނެޓްގެ އެއްވެސް ޗެނަލަކަށް އެ ރައިޓްސް ނުލިބެއެވެ. އެއާއެކު، ވޯލްޑްކަޕް ރާއްޖެއަށް ފެންނާނެ ގޮތް ހެދުމަށް މީޑިއާ ނެޓާއި، ޕީއެސްއެމްއާއި ރާއްޖެ ޓީވީ ގުޅިގެން ބަޔަކު 5.5 މިލިއަން ރުފިޔާ ދައްކައިގެން ރައިޓްސް ގަނެ ފެންނާނެ ގޮތް ހަދަން އެއްބަސްވެ، އެމަސައްކަތް ދަނީ ކުރަމުންކަން "ދަ ޕްރެސް" އަށް ވަނީ އެނގިފައެވެ.

"މިދިޔަ ފަހަރުވެސް ޕީއެސްއެމްއިން ފައިސާ ދެއްކި، 7 ލައްކަ ޑޮލަރު ދެއްކި، މިހާރު ދައްކަން ޖެހޭ އަދަދު ކުޑަ. 3 ލައްކަ ކޮންމެވެސް ވަރެއް. އެ ހަމަކުރުމުގެ މަސައްކަތް މިކުރަނީ"
ޕީއެސްއެމްގެ އެމްޑީ އަލީ ހާލިދު

ރާއްޖޭގައި ބްރޯޑްކާސްޓް ކުރުމުގެ ގަވައިދު ކުރިން އޮންނަ ގޮތުން، އާންމުކޮށް އެންމެންނަށް ހިލޭ ދައްކަން ޖެހޭނެ ކަމަށް އޮންނަނީ ރައްޔިތުންގެ ހާއްސަ ޝައުގުވެރިކަން ހުރި ނުވަތަ ހުރެދާނެ ބައިނަލްއަގްވާމީ އިވެންޓްތަކާއި އެފަދަ ކުޅިވަރު މުބާރާތްތަކާއި ހަރަކާތްތަކުގެ ތެރެއިން ރައްޔިތުންނަށް ހިލޭ ލިބިދޭން ޖެހޭ ކަމަށް ކޮމިޝަނުން ކަނޑައަޅާ އިވެންޓްތަކުގެ ރައިޓްސް ރާއްޖޭގެ އެއްވެސް ފަރާތަކަށް ރީބްރޯޑްކާސްޓް ކުރެވޭނީ، ގައުމީ ޓީވީ އަށް އޭގެ ރައިޓްސް ހިލޭ ދިނުމަށް ފަހުގައެވެ.

މިދިޔަ ޖެނުއަރީ މަހު އަމަލުކުރަން ފެށި ރީބްރޯޑްކާސްޓް ކުރުމުގެ އާ ގަވައިދުގައި އޮންނަ ގޮތުން، ލިސްޓެޑް އިވެންޓެއްގެ ބްރޯޑްކާސްޓިން ރައިޓްސް އެއްވެސް ރީބްރޯޑްކާސްޓަރަކު ހޯދައިފި ނަމަ، އެ އިވެންޓެއް ބްރޯޑްކާސްޓް ކުރުމުގެ ހައްގު އަގަކާނުލައި ގައުމީ ޓީވީ (ބްރޯޑްކާސްޓަރަށް) ދޭން ޖެހެއެވެ. ނަމަވެސް އެ އިވެންޓަކުން ވިޔަފާރިކުރަން ޖެހޭނީ ލިބޭ އާމްދަނީގެ 50 ޕަސެންޓަށް ވުރެ މަދު ނޫން އަދަދެއް، ލައިސަންސް އޮތް ފަރާތަކަށް ދޭ ގޮތަށެވެ.

މިހާރު ހުރި ލިސްޓެޑް އިވެންޓްތަކުގެ ތެރޭގައި ހިމެނެނީ، ފީފާ ވޯލްޑްކަޕްގެ ހުޅުމާ މެޗާއި ނިންމާ މެޗުގެ އިތުރުން، ރާއްޖޭގެ ގައުމީ ޓީމް ކުޅޭ މެޗުތަކާއި އޮލިމްޕިކްސް އަދި ކޮމަންވެލްތް ގޭމްސް އާއި ޕެރަލިންޕިކްސް އާއި ސްޕެޝަލް އޮލިމްޕިކްސް އާއި އޭޝިއަން ގޭމްސްއެވެ.

"އަޅުގަނޑުމެން ކުރި ކަމަކީ، ކުރިން ލިސްޓެޑް އިވެންޓްތައް ކަނޑައަޅާފައި ނެތީމައި އެ ލިސްޓް ހެދީ. އެކަން ކުރުމުގައި ޔޫތް މިނިސްޓްރީއާއި، ސްޕޯޓްސް ކޮމިޝަނަރާއި، ދުނިޔޭގެ އެހެން ގައުމުތަކުގައި ލިސްޓެޑް އިވެންޓްސް ކަނޑައަލާފައި ހުންނަ ގޮތާއި މި ރީޖަންގައި އެކަން އޮތް ގޮތް ބެލީ. އޭގެ ފަހުގައި މިކަން މިކުރީ"
ބްރޯޑްކޮމްގެ ނައިބު ރައީސް އަހުމަދު ގައިސް

ރާއްޖޭގައި ވޯލްޑްކަޕަކީ ގިނަބަޔަކު ޝައުވެރިވާ ގިނަބަޔަކު ބަލަން ބޭނުންވާ ކުޅިވަރު މުބާރާތަކަށް ވާއިރު، ބްރޯޑްކާސްޓިން ރައިޓްސް ހޯދާ އަދި ރީބްރޯޑްކާސްޓް ކުރާ ފަރާތްތަކުން އެ މުބާރާތް ދައްކަނީ ބޮޑެތި ސްޕޮންސާ ހޯދައިގެން މޮނޮޕޮލިޒް ކޮށްގެންނެވެ.

މާލެ ސަރަހައްދުގައި ކޭބަލް ޓީވީގެ މޮނޮޕޮލައިޒަރަކީ މީޑިއާނެޓަށް ވާއިރު، ޕީއެސްއެމްއިން ކަނޑައަޅާ 1 ޗެނަލް ހިލޭ ދާއިމަށް ފެންނަން ޖެހޭ ގޮތަށް ހުންނަން ވާނެ ކަމަށް ބުންޏަސް، ޕެކޭޖް މުއަދަތު ހަމަވާ ދުވަހު ޕީއެސްއެމްގެ ޗެނަލް އާއެކު ޕެކޭޖް ކަނޑާލައެވެ. މިއީ މިއަދާ ހަމައަށްވެސް ބްރޯޑްކޮމްއަށް ހައްލު ނުކުރެވި އޮތް މައްސަލައެކެވެ.