ބޯ ނިވާވާގޮތަށް ހެދުން އަޅާފައި ނެތުމުން ހައްޔަރު ކުރި މާޝާ އަމީނީ 22ރ މަރުވުމާ ގުޅިގެން ފެށިގެން އުޅޭ މުޒާހަރާތަކުގައި ބައިވެރިވާ އީރާންގެ އަންހެނުން ބިރުފަހަނައަޅާ ހިނގައްޖެއެވެ.

ހައްޔަރު ކުރިތާ މަދު ގަޑިއިރުކޮޅެއްގެ ތެރޭގައި ކޯމާއަކަށް ދިޔަ މާޝާ އަމީނީ އަށް ފުލުހުން އަނިޔާ ކުރި ކަމަށާއި އޭނާގެ ބޯ ވެހިޖަކެއްގައި ޖެއްސުމުގެ އިތުރުން ބޮލުގައި ބެޓަން އަކުން ޖެހި ކަމަށް އޭނާގެ އާއިލާއިން ބުނެއެވެ. ކޯމާއަށް ދިޔަތާ 3 ވަނަ ދުވަހު މަރުވި އަމީނީ އަށް އެއްވެސް އަނިޔާއެއް ނުކުރާ ކަމަށާއި އަމީނީ މަރުވީ ހާޓްއެޓޭކެއް ޖެހިގެން ކަމަށް ފުލުހުން ބުނި ނަމަވެސް އާންމުން އެކަން ގަބޫލެއް ނުކުރެއެވެ.

އެއާއެކު އީރާނުގެ ވެރިރަށް ތެހެރާނުން ފެށި މުޒާހަރާތައް 35 ސިޓީއަކަށް ފެތުރިގެން ދިޔައެވެ. ފުލުހުންނާ ކުރިމަތިލައި، ވެހިކަލްތަކުގައި ރޯކޮށް ބޮޑެތި ހަމަނުޖެހުންތައް ވަނީ ހިނގާފައެވެ. ބާރުގެ ބޭނުން ކުރުމަށް ފުލުހުން ރަބަރުވަޒަނާއި ހާލަތާ ނުބައްދަލު މިންވަރަކަނަ ގޭސްވެސް ޖަހާފައި ވާ ކަމަށް އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ އީރާނުގެ ޖަމްއިއްޔާތަކުން ބުނެއެވެ.

މި ކުރިމަތިލުންތަކުގައި މިހާތަނަށް 90 އާ ގާތް ކޮށްފައި ވާ އިރު މުޒާހަރާތައް މިހާރު ވަނީ އާ އުސްމިނަކަށް ގޮސްފައެވެ.

އީރާނުގެ ފުލުހުންނަށް އެހީތެރިވާން ނެރެގެން އުޅޭ ޕެރަމިލިޓަރީ ފޯސް ބާސިޖް ގެ ކޮމާންޑަރު އާންމުންނާ މުހާތަބުކޮށް ވާހަކަ ދައްކަން ހުއްޓާ، އެތަނަށް އެއްވި ސްކޫލްތަކުގެ ދަރިވަރުން ވަނީ ބުރުގާ ބާލާ، ބޯމަތީ ހޫރަމުން "ރައްކާވޭ، ރައްކާވޭ، ބާސިޖް" ގޮވާ އަޑުއުފުލާފައެވެ. މީގެ އިތުރުން އެހެން ސަރަހައްދެއްގައި އޮތް އިހުތިޖާޖެއްގައިވެސް ސްކޫލް ދަރިވަރުން ވަނީ ބުރުގާތައް ބޯމަތީގައި ހޫރަމުން، "ޑެތް ޓް ދަ ޑިކްޓޭޓާ" ގޮވާފައެވެ. މީގެ އިތުރުން މިނިވަން ކަމަށް ގޮވާލައިވެސް އެމީހުން ވަނީ އަޑުގަދަ ކޮށްފައެވެ.

އީރާނުގައި ގާނޫނުތައް އޮންނަ ގޮތުން، ބޯ ނިވާވާ ގޮތަށް ބުރުގާ އެޅުމުގެ އިތުރުން ގަޔަށް ދޫކޮށް ހެދުން އެޅުމަކީ އަންހެނުންނަށް މަޖުބޫރު ކަމެކެވެ. އެއާ ހިލާފަށް އުޅޭ މީހުން ހިފާ ހައްޔަރު ކޮށް ނަސޭހަތް ދިނުމާއި ބައެއް ފަހަރު އަދަބު ދިނުމަކީ އީރާނުގައި އާންމު ކަމެކެވެ. އަދި އެ ގާނޫނާ ހިފާހަށް މަގުމަތީގައި އުޅޭ އަންހެނުންނަށް، މަގުމަތިން ފޮށުމާއި އަނިޔާކުރުމުގެ ހާދިސާތައް އީރާނުގައި ހިނގައެވެ.

ސްކޫލްތަކުގެ ދަރިވަރުން ބުރުގާ ނަގާ، މަގުތަކަށް ނުކުތުމުން އެ ގައުމުގެ ތައުލީމާ ބެހޭ ވަޒީރު ވިދާޅުވީ، މިހާރު "ދުޝްމަނުން" ވަނީ ސްކޫލުތަކާއި ޔުނިވާސިޓީތަކަށް ވަދެފައި ކަމަށެވެ.

މިއާއެކު އީރާނުގެ ޕްރޮސެކިއުޓާ ޖެނެރަލް މުހައްމަދު ޖަފަރު މޮންޓަޒޭރީ ވިދާޅުވީ، އިންޓަނެޓުގެ އަވާގައި ޖެހި އިހުތިޖާޖަށް ނުކުމެފައިވާ އީރާނުގެ ޒުވާނުންގެ މައްސަލައަށް ރައްދުދޭން ފުރިހަމައަށް ތައްޔާރުވާން ޖެހޭ ކަމަށެވެ.

މާޝާ އަމީނީ މަރުގެ މައްސަލައިގައި ދުނިޔޭގެ 150 ސިޓީއެއްގައި މުޒާހަރާތައް ބާއްވާފައި ވެއެވެ. އޭގެތެރޭގައި ގިނައީ ޔޫރަޕްގެ ގައުމުތަކެވެ. ދެން މުޒާހަރާ ކޮށްފައި ވަނީ އެމެރިކާ ބައްރުގެ ގައުމުތަކުގައެވެ.