ރާއްޖޭގެ މެރިން ސާވިސަސްގައި ކުރިއަރަމުން އަންނަ ޖަލްބޫޓް މޯލްޑިވްސްގެ އުޅަނދުތަކުގައި ދަތުރު ކުރާ ފަތުރުވެރިންނަށް ފަސޭހަކަމާއެކު މުވާސަލާތީ ހިދުމަތްތައް ފަހިކޮށްދީ، ޑިޖިޓަލް ހައްލުތަކާއެކު ޖަލްބޫޓްއިން ފޯރުކޮށްދޭ ހިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް ގެނައުމުގެ މަގްސަދުގައި އެ ކުންފުންޏާއެކު އުރީދޫ މޯލްޑިވްސް އިން ޕަާޓްނަޝިޕްއެއްގައި ސޮއި ކޮށްފިއެވެ.

އުރީދޫން ބުނީ، މި ޕާޓްނާޝިޕް އެކުލަވާލާފައި ވަނީ ފަތުރުވެރިން ރާއްޖޭގައި ތިބޭ މުއްދަތުގައި ކަސްޓަމާ މުވާސަލާތީ ހިދުމަތްތައް ހޯދުމުގައި ލުއި ގޮތްތަކެއް ހޯދައިދީ ޓުއަރިސްޓުންގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމުގެ މަގްސަދުގައި ކަމަށެވެ. އިތުބާރު ހުރި އިންޓަނެޓްގެ ހިދުމަތަކީ މިއަދުގެ ފަތުރުވެރިކަމުގެ ސިނާއަތުގައި އެންމެ މަތީ ފަންތީގެ ހިދުމަތްތައް ފޯރުކޮށް ދިނުމަށާއި ޓޫރިސްޓުންނަށް ހަބަރާއި މައުލޫމާތު އަދި ރަހުމަތްތެރިންނާއި އާއިލާއާ ގުޅުވާލައި، ދަތުރުކުރާ އިރު ވިޔަފާރީގެ ކަންކަމުގައި ބައިވެރިވުމަށް ވަރަށް މުހިންމު ހިދުމަތެއް ކަމަށް އުރީދޫން ބުނެއެވެ.

އުރީދޫ މޯލްޑިވްސް ހެޑް އޮފީހުގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މި ޕާޓްނާޝިޕް ސޮއި ކުރެއްވީ ޖަލްބޫޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރޮއެސްތަލީ އާއި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަ އަދި ސީއީއޯ ހާލިދު އަލް ހަމާދީ އެވެ. އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހާލިދު އަލް ހަމާދީ ވިދާޅުވީ، މި ޑިޖިޓަލް ޒަމާނުގައި އިތުބާރު ހުރި ޓެލެކޮމް އަދި އިންޓަނެޓްގެ ހިދުމަތް ލިބުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި ޖަލްބޫޓް މޯލްޑިވްސްއާއެކު މި ސްޓްރެޓީޖިކް ޕާޓްނާޝިޕްގެ ދަށުން، މި ކުންފުނީގެ އަމާޒަކީ ފަތުރުވެރިންނަށް ސީދާ ބޯޓުތަކުން ސިމް ކާޑު ބަލައިގަތުމަށް ލުއި ގޮތްތަކެއް ހަމަޖައްސައި ދިނުން ކަމަށް ހާލިދް އަލް ހަމާދީ ވިދާޅުވިއެވެ.

"ޖަލްބޫޓް މޯލްޑިވްސްގެ ކުރިއެރުމަށް ކޮމިއުނިކޭޝަންސް އަދި ޓެކްނޮލޮޖީ އަކީ ވަރަށް މުހިއްމު ހިދުމަތެއް. އެގޮތުން އުރީދޫ އަކީ ކުރިއަރަމުން އަންނަ ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދިނުމުގައި މުހިންމު އިސްރޯލެއް އަދާ ކުރާ ކުންފުންޏެއް. މުޖުތަމަޢުގެ ދިރިއުޅުން މުއްސަނދިކުރުމަށް އެއް މިސްރާބަކަށް މަސައްކަތްކުރާ ދެ ކުންފުންޏެއްގެ ހައިސިއްޔަތުން މި ޕަރޓްނަރޝިޕާއެކު ޓުއަރިސްޓުންގެ ތަޖުރިބާ އިތުރަށް ފުރިހަމަވެގެންދާނެ."
ޖަލްބޫޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރޮއެސްޓާލީ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އެހީތެރިވުމުގެ ގޮތުން އުރީދޫ މޯލްޑިވްސްއިން ކުރާ މަސައްކަތުގެ ދަށުން މި ސްޓްރެޓީޖިކް ޕާޓްނާޝިޕް ގާއިމްކުރެވިފައި ވަނީ ޖަލްބޫޓް މޯލްޑިވްސްގެ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އެއްވެސް ކައުންޓަރަކަށް ނުވަތަ ފިހާރައަކަށް ދިއުމުގެ އުނދަގުލެއް ނެތި ސީދާ ބޯޓުތަކުން އުރީދޫގެ ޓުއަރިސްޓް ސިމް ކާޑު ލިބިގެންދާނެ ގޮތަކަށެވެ. ޖަލްބޫޓް މޯލްޑިވްސް އަކީ ފެންވަރު ރަނގަޅު، ފުރިހަމަ އިންޓަގްރޭޓެޑް މެރިން ސޮލިއުޝަންތައް ކަމަށްވާ ވޯޓާ ޓްރާންސްޕޯޓް، މެރީނާ މެނޭޖްމަންޓް، ކަސްޓަމް ބޯޓުތައް ޑިޒައިންކޮށް އުފެއްދުމާއި، ވޯޓާ ސްޕޯޓްސް އަދި ލަގްޒަރީ ޗާޓާ ދަތުރުތައް ކުރުން ފަދަ ޙިދުމަތް ފޯރުކޮށްދިނުމަށް ހާއްސަ ކުންފުންޏެކެވެ.

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް 50 އަހަރު ފުރުން ފާހަގަ ކުރަމުންދާ އިރު، ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް މި ދާއިރާއަށް އެއްބާރުލުން ދީ، ޓުއަރިސްޓުން ރާއްޖޭގައި ތިބޭ މުއްދަތުގައި އާއިލާ އާއި ރައްޓެހިންނާއި ގުޅުވާލަދީ، އީޖާދީ ހިދުމަތްތަކާ އެކު ފަތުރުވެރިކަމުގެ ސިނާއަތައް އިތުރު ފުރިހަމަ ކަމާއި ކުރިއެރުން ހޯދައި ދިނުމުގައި ދެމި ތިބޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް އުރީދޫން ބުނެއެވެ.