ހުޅުމާލޭގައި ހިންގާ ހާންޖީ ރެސްޓޯރަންޓުގައި ކައްކާއެއްގެ ގޮތުގައި މަސައްކަތްކުރި ޕާކިސްތާނުގެ މުހައްމަދު އާބިދު އެ ތަނުގައި ވެއިޓަރެއްގެ ގޮތުގައި މަސައްކަތްކުރި ބަންގްލަދޭޝްގެ މުވައްޒަފެއް ކަމަށްވާ ޝަމިމް މަރާލި މައްސަލާގައި މިއަދަށް ތާވަލުކުރި އަޑުއެހުން ނުބައި މީހަކަށް ޗިޓު ފޮނުވިގެން ކެންސަލްކޮށްފިއެވެ.

އެ މައްސަލާގައި އާބިދު މައްޗަށް އުފުލާފައިވާ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާގެ މިއަދުގެ އަޑުއެހުން ތާވަލުކޮށްފައިވަނީ މެންދުރުފަހު 1 ޖަހާއިރަށް ނަމަވެސް އެ އަޑުއެހުން ވަނީ ޗުޓު ނުބައިމީހަކަށް ފޮނުވިގެން ޗިޓު ރައްދުކުރަންޖެހޭ މީހާއަށް ޗިޓު ނުލިބޭތީ ކެންސަލްކޮށްފައެވެ.

މީގެ ކުރިންވެސް މިފަދަ ލިޔުމެއްގައި ކުށެއް އޮތް ކަމަށް ދައުލަތުގެ ވަކީލުން ފާހަގަކޮށްފައި މީގެ ކުރިން ވަނީ ހެކިބަސް ނުނަގާ ތިބި މީހުންގެ ތެރެއިން މީހަކަށް ޗިޓު ފޮނުވުމުގެ ބަދަލުގައި ކުރިން ހެކިބަސް ދީފައިވާ ބަޔަކަށް އަލުން ޗިޓު ފޮނުވިގެން އަޑުއެހުން ކެންސަލްކޮށްފައެވެ.

ޝަމިމް މަރާލީ ބިރިޔާނީއަށް ކޮށި އަލުވި މަދުވެގެން ޖެހުނު މައްސަލައެއްގައި ސަމްސާ އެއްލުމުން މައްސަލަ ހޫނުވެގެން ކަމަށް މީގެ ކުރީގެ އަޑުއެހުމެއްގައި ހެކިބަސްދިން ހެކިވެރިޔަކު ވަނީ ބުނެފައެވެ. އަދި އޭނާ މަރާލުމަށް ހަމަލާ ދީފައިވަނީ ކިވީ ބްރޭންޑްގެ މިޔަކުޑަ ވަޅިއަކުން ކަމަށް ހެކިބަސް ދިން ބައެއް މީހުން ވަނީ ބުނެފައެވެ.

އެ މާރާމާރީގައި މަރުވި ޝަމިމް ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިން، އެ ސަރަހައްދުގައި ހަރަކާތްތެރިވި އެ ރެސްޓޯރަންޓުގެ ބައެއް މުވައްޒަފުން އޭނާއަށް އިތުރު ފަރުވާ ދިނުމަށް މަސައްކަތް ކޮށްފައި ވާ ވީޑިއޯއެއް ދައުރުވިއެވެ. ނަމަވެސް އެެ ވީޑިއޯއިން ފެންނަ އިރު ވެއްޓިފައި އޮތް ޝަމިމްގެ ހަރަކާތެއް ނެތް އިރު އޭނާގެ ގައިން ފޭބި ލޭ ވެސް ނެތެވެ. ބައެއް މަސްދަރުތަކުން ބުނާ ގޮތުން، ޝަމިމް މަރާލުމަށް ހަމަލާ ދިނުމުން އޮހޮރުނު ލޭ ވަނީ ދޮވެ ނައްތާލާފައެވެ. ޝަމިމްގެ އާއިލާގެ އެދުމަށް އޭނާގެ ހަށިގަނޑު ވަނީ ބަންގްލަދޭޝަށް ފޮނުވާލާފައެވެ.