އާންމުންގެ ފާޑުކިއުންތަކާ ހެދި އިއްޔެގެ މަޖިލިހުގެ ޖަލްސާގައި ދެއްކެވި ވާހަކަ އަށް، ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް މައާފަށް އެދިވަޑައިގެންފިއެވެ.
ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، ރާއްޖޭގައި ކެސިނޯ ހިންގެން ޖެހޭ ކަމަށް ވިދާޅުވެ އެ ތަންތަން ހިންގުމުގެ ހުއްދަ ނުދެނީ ކީއްވެތޯ ސުވާލުކުރުމުން، މަހްލޫފް އިއްޔެ ވިދާޅުވީ، ކެސިނޯ އެޅުން ފަދަ ކަންކަމާ ގުޅިގެން މަޝްވަރާކުރާނެ ފުރުސަތެއް ނެތް ކަމަށާއި، ކެސިނޯގެ ވާހަކަ ފެށުމުން ވެސް ގޯސްވާ ކަމަށެވެ.
"ހަމަ ހަގީގަތަށް މި ދެންނެވީ އިނގޭތޯ، އެ ނަން ކިޔަސް ވެސް ގޯސްވާ ހިސާބު، އެހެންވީމަ އެ އުޅެން ޖެހެނީ އެންމެން ބޮޑު ބިރުވެރި ކަމެއްގެ ތެރޭގަ. މީން ކަމަކާ ގުޅިގެން މަޝްވަރާކޮށްލާނެ ޖާގަ ވެސް އެއީ އޮންނަ ކަމަކަށް ނުވޭ."
އެފަދަ ކަންކަމަކީ މަޝްވަރާކޮށްގެން، މުޖުތަމައުގެ ތެރޭގައި ގޮތްތަކެއް ހޯދަން ޖެހޭ ކަންތައްތަކެއް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
އެ ވާހަކަތަކާ ގުޅިގެން އާންމުންގެ ގިނަ ބައެއްގެ ފާޑުކިއުން ވަނީ މަހްލޫފަށް އަމާޒުވެފައެވެ. އަދި ކެސިނޯ ފަދަ ކަންކަމުގައި މަޝްވަރާ ނުކުރެވޭނެ ކަމަށާއި، މަހްލޫފް ވަގުތުން ތައުބާވުމަށް ވެސް ބައެއް ދީނީ އިލްމުވެރިން ގޮވާލައްވާފައިވެއެވެ.
އާންމުންގެ ފާޑުކިއުންތަކާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި މަހްލޫފް ވިދާޅުވީ، އޭނާ އަކީ ކެސިނޯ އަޅަން ދުވަހަކު ވެސް ތާއީދުކޮށް، އެކަމަށް ވަކާލާތުކުރައްވާ ބޭފުޅެއް ނޫން ކަމަށާއި، ކެސިނޯ އެޅުމުގެ މަސައްކަތަށް އެއްވެސް ޝައުގެއް ހުރި ބޭފުޅެއް ވެސް ނޫން ކަމަށެވެ. އެއާއެކު އޭނާ ވަނީ އާންމުންގެ ކިބައިން މައާފަށް އެދިވަޑައިގެންފައެވެ.
ރާއްޖޭގައި ކެސިނޯ އެޅުމާ ބެހޭ ގޮތުން ޖާބިރު މީގެ ކުރިން ވެސް މަޖިލިހުގައި ވާހަކަ ދައްކަވާފައިވެއެވެ. އެ ވާހަކަ އަކީ ދައްކައިގެން ނުވާނެ ވާހަކަ އެއް ކަމަށް ވިދާޅުވެ، ބައެއް މެންބަރުން އޭނާ އަށް ރައްދު ދެއްވިއެވެ. އެ މައްސަލައިގައި އާންމުންގެ ފާޑުކިއުންތައް ވެސް އޭނާ އަށް އަމާޒުވިއެވެ.
މިވަަހަކަ ދެއްކިކަމައް ވ ފައިސާލިބޭނެ މިއީ ލިޓްމަސް ޓެސްޓެއް ހަދާ