2017 ވަނަ އަހަރު ހުޅުމާލޭގައި ތޫނު އެއްޗެހިން ހަމަލަދީ މަރާލި ގއ. ދާންދޫ، ގޯލްޑްރީފް، ހާރިސް އަބްދުލްގަފޫރުގެ މަރުގެ މައްސަލާގައި ހުކުމްކުރުން ލަސްކޮށްފައިވާ ކަމަށް މިއަދު ކްރިމިނަލް ކޯޓުގައި އޮތް ޝަރީއަތުގެ އަޑުއެހުމުގައި ގާޒީ ވިދާޅުވެއްޖެއެވެ.

ހާރިސް މަރާލި މައްސަލައާ ގުޅިގެން ފުވައްމުލަކު، ހިލްޓަން، ޔާމީން ރަޝީދަށް ދައުލަތުން ކޮށްފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއެވެ.

ކްރިމިނަލް ކޯޓުން ބުނީ ހުކުމް އިއްވުން ފަސްކުރީ އެ މައްސަލަ އިތުރަށް ދިރާސާކުރަން ވަގުތު ބޭނުންވާތީ ކަމަށެވެ.

ހާރިސް މަރާލަން ހަށިގަނޑުގެ 15 ތަނަކަށް ފުން ޒަހަމްތަކެއް ދީފައިވާއިރު އޭޏާ މަރުވެފައިވަނީ ދީފައިވާ ޒަހަމްތަކުން ގިނަ އަދަދެއްގެ ލޭ ބޭރުވެ، ހަށިގަނޑުގައި ވިންދު ހިންގަން ބޭނުންވާ މިންވަރަށް އޮކްސިޖަން ހަށިގަނޑުގައި ނެތުމުން ކަމަށް ފުލުހުން މީގެކުރިން ވަނީ ބުނެފައެވެ.

ހާރިސް މަރާލީ ކ. ހިންމަފުށީ ޑްރަގް ރިހިބެލިޓޭޝަން ސެންޓަރުން ފަރުވާ ހޯދުމަށް ފަހު ހުޅުމާލެ ހާފްވޭ ހައުސްއަށް ދާން ވެގެން އެ ތަނަން ވަންނަން އުޅެނިކޮށެވެ.