ހަރުކަށި ފިކުރު ނައްތާލުމަށް ސަރުކާރުން ކުރިއަށް ގެންދާ ހަރަކާތްތަކަކީ އިސްލާމްދީނާ ދެކޮޅަށް ކުރާ ކަންކަމުގެ ގޮތުގައި ދެއްކުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށް، ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް މިއަދު ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ހަރުކަށި ފިކުރާ ދެކޮޅަށް ސަރުކާރުން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ނަތީޖާ އާ ބެހޭ ގޮތުން ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ކުރެއްވި ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ، އެ މަސައްކަތަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، ސަރުކާރުން ކުރާ މަސައްކަތަކީ އިސްލާމްދީނާ ދެކޮޅު ކަމެއްގެ ގޮތުގައި ދެއްކުމަށް ބަޔަކު މަސައްކަތް ކުރަމުން ދިއުން ކަމަށެވެ.

އެ މަސައްކަތުގައި އާންމުންނަށް މައުލޫމާތު ދެއްވުމަށް ވަޑައިގަންނަވަނީ އިސްލާމިކް މިނިސްޓްރީގައި މަސައްކަތްކުރައްވާ ދީނީ އިލްމުވެރިން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެ ތަނަށް ގޮސް ދުވަހަކު ވެސް އެމީހުން ނަމާދު ނުކުރާށެކޭ ނުބުނޭ، އިނގޭތޯ. ނޫންނަމަ އަޅުގަނޑުމެންގެ އިސްލާމްދީނުގަ އަންގަވާފަވާ މުސްލިމުން ކުރަން އަންގަވާފަވާ ހުރިހާ ކަމެއް ކުރާ ގޮތަށް އެ ހުރިހާ ވާހަކަ އެއް ދެކެވެނީ. އެކަމަކު ހަމަ ޕްރޮގްރާމު ނިމޭ އިރަށް އެތަނުގަ ކިޔައިދީފިއޭ ނަމާދު ނުކުރާށޭ އެ ތަނުގަ ކިޔައިދީފިއޭ ޝަހާދަތް ކިޔުމަކީ ގޯހެކޭ."
އަހްމަދު މަހްލޫފް | ޔޫތު މިނިސްޓަރު

މިނިސްޓަރު ވިދާޅުވި ގޮތުގައި ބަޔަކު މީހުން އެފަދަ ވާހަކަ ދައްކަނީ ސަރުކާރުން ހަރުކަށި ފިކުރު ނައްތާލުމަށް ހިންގާ ހަރަކާތްތަކާ މެދު އާންމުންގެ މެދުގައި އޮންނަ ވިސްނުން ބަދަލުކުރުމުގެ ގޮތުންނެވެ. އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، އާންމުން ވަނީ ސަރުކާރުން ކުރާ އެ މަސައްކަތް ބަލައިގެންފައެވެ.

"ރެޑިކަލައިޒޭޝަން ޕްރޮގްރާމުގަ އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް އެ މަސައްކަތްތައް ކުރިއަށް އެބަ ގެންދެވޭ." މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގައި ހަރުކަށި ފިކުރު އޮތްކަން ދިރާސާތަކުން ދައްކާއިރު، ސަރުކާރުން ގެންދަނީ ހަރުކަށި ފިކުރާ ދެކޮޅަށް ނުވަތަ ހޭލުންތެރި ޖީލެއް ބިނާކުރުމުގެ މަގުސަދުގައި ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. އޭގެ ތެރެއިން އެއް ހަރަކާތަކީ ޔޫތު މިނިސްޓްރީން ހިންގާ ހަފްތާރެސް ޕްރޮގްރާމެވެ.