އދ. ދަނގެތީގެ މަޝްހޫރު ވިޔަފާރިވެރިޔާ މަހްމޫދު އަބޫބަކުރުގެ މަރާލި ޝާ އަލޮމް މިއާ (ސާލިމް) މެރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމްގެ މައްސަލަ ހައިކޯޓުން ބަލައިގެންފިއެވެ.

ސާލިމްގެ މައްޗަށް އުފުލާފައި ވަނީ ގަސްދުގައި މީހަކު މެރުމުގެ ދައުވާ އާއި، މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ދައުވާއެވެ.

ފައިސާގެ ބޭނުމުގައި މިދިޔަ އޮކްޓޯބަރު މަހު މަހްމޫދު މަރާލުމަށްފަހު، އެ ރަށުގައި ހުންނަ ފަޅުގެއެއްގައި ހުރި ވަޅަކަށް އެއްލާލި މައްސަލައިގައި ސާލިމްގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ މަރަން ހުކުމްކޮށްފައެވެ.

ސާލިމް މަރަން ކްރިމިނަލް ކޯޓުން ކުރި ހުކުމް ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ވަނީ މައްސަލަ ބަލައި ނުގަތުމަށް ނިންމާފައެވެ. ހައިކޯޓުން އެގޮތަށް ނިންމާފައިވަނީ ދައުލަތުން އެ މައްސަލަ އިސްތިއުނާފު ކުރަންޖެހޭ މުއްދަތު ހަމަވެފައިވާ ކަމަށް ބުނެއެވެ.

ނަމަވެސް ފަހުން ހައިކޯޓުން ވަނީ މައްސަލަ ބަލައިގަނެ އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ހުށަހަޅާފައެވެ. އަދި ފަނޑިޔާރުންގެ ބެންޗުން ވަނީ މައްސަލަ ކުރިއަށް ގެންދަން ނިންމާފައެވެ.

މި މައްސަލާގައި ސާލިމް ވަނީ އޭނާ އަމިއްލައަށް އެ ކުށަށް އިއުތިރާފުވެފައެވެ. އަދި އަދަބު ލުއިކޮށްދިނުމަށް ވެސް ތަކުރާރުކޮށް އެދުނެވެ.

ނަމަވެސް މި މައްސަލަ އަކީ މަރުގެ މައްސަލައަކަށް ވެފައި މަހުމޫދުގެ ވާރިސުންނާ ޝަރީއަތުގައި ސުވާލުކުރުމުން މަރަށް މަރު ހިފަން ބޭނުންވާ ކަމަށް ބުނެފައެވެ.

އެހެންކަމުން މިމައްސަލައިގައި ހުކުމް ކުރުމަށް މިއަދު ބޭއްވި އަޑުއެހުމުގައި ކްރިމިނަލް ކޯޓުން ވަނީ ސާލިމްގެ މައްޗަށް މަރުގެ ހުކުމް އިއްވާފައެވެ.

މިއީ ރާއްޖޭގައި ބިދޭސީއެއްގެ މައްޗަށް މަރުގެ އަދަބެއް ކަނޑައެޅި ފުރަތަމަ ފަހަރެވެ. އަދި ސާލިމް މެރުމަށް ކޯޓުން ހުކުމްކުރީ މަހްމޫދުގެ ހުރިހާ ވާރިސުން މަރަށް މަރު ހިފަން ބޭނުންވާ ކަމަށް ބުނެފައިވާތީއެވެ.

މި މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ޝާ އަލޮމް މިއާ ވަނީ މަހްމޫދު މަރާލީ ވަޅިންނާއި ކޮޅު ތޫނުކޮށްފައިވާ ދަގަނޑަކުން މަހްމޫދުގެ މެޔާއި ކަރަށް ހަމަލާދީގެން ކަމަށާއި މަހްމޫދުގެ ހަށިގަނޑުގެ ބޮލާއި ފަޔަށް ގޯންޏެއް ލައްވައިގެން ގެންގޮސް ފެންވަޅަކަށް ބޯކޮޅުވަތަށް ވައްޓާލި ކަމަށް އިއުތިރާފު ވެފައެވެ.

މަހުމޫދުގެ މަރުވެފައިވާ ހަށިގަނޑު ފެނުނީ މިދިޔަ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހުގެ ހަވީރު 3:16 ހާއިރު، މަހުމޫދުގެ އާއިލާއިން އޭނާ ގެއްލިގެން އެ ދުވަހު ހެނދުނު 10:16 ހާއިރު އެންގުމުން، އެ ރަށު މީހުން ތިން ޓީމަކަށް ބަހާލައިގެން ނުކުމެ ރަށުތެރެ ހޯދަމުން ދަނިކޮށެވެ.

އެ މައްސަލާގައި ޝާ އަލޮމް މިއާ ހައްޔަރުކުރީ އޭގެ ދެ ދުވަސް ފަހުންނެވެ. އޭނާއަކީ އެ ރަށުގެ ނެދުންގޭގައި ހުންނަ އުމުރުން ދުވަސްވީ މީހެއް ބަލަހައްޓަން ގެނެސްފައި ހުރި މީހެކެވެ. އެ މައްސަލާގައި ފުލުހުން އޭނާ ހައްޔަރުކޮށް، މަހުމޫދު މަރާލި ގޮތް ވަނީ އޭނާ ލައްވާ ކުޅުވާފައެވެ.