ވިއްސާރައިގެ ސަބަބުން ކްރިމިނަލް ކޯޓުގެ ސާވާ ރޫމަށް ގެއްލުންވެ، އޮންލައިންކޮށް ބާއްވާ އަޑުއެހުންތައް ކެންސަލް ކޮށްފިއެވެ.

ކޮވިޑް-19 އަށް ފަހު، ކްރިމިނަލް ކޯޓުން ބައެއް މައްސަލަތަކުގެ އަޑުއެހުންތައް ކުރިއަށް ގެންދަނީ އޮންލައިންކޮށް، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ. ކޯޓަށް ހާޒިރުކޮށްގެން އަޑުއެހުންތައް ކުރިއަށް ގެންދަން ޖެހޭ ހާލަތުގައި ކޯޓަށް ހާޒިރުކޮށްގެން ވެސް އަޑުއެހުންތައް ކުރިއަށް ގެންގޮސްފައިވެއެވެ.

މިއަދު ހެނދުނު އޮންލައިންކޮށް 26 މައްސަލަ އެއް ކުރިއަށް ގެންދަން ތާވަލުކޮށްފައިވާއިރު، އޭގެ ތެރޭގައި އައިޖީއެމްއެޗްގައި މަސައްކަތްކުރަމުން ދިޔަ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލައިގައި ދައުލަތުން ދައުވާކޮށްފައިވާ ހަލީމަތު ލަމްހާ އަބްދުއްރަހްމާނާއި މާވިންގެ މައްސަލަ ވެސް ހިމެނެއެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ކްރިމިނަލް ކޯޓުން ބުނީ، ވިއްސާރައިގެ ސަބަބުން ކޯޓުގެ އިމާރާތުގެ ތެރެއަށް ފެން ވަދެ، ސާވާ ރޫމަށް ފެނުގެ އަސަރުކުރުމާ ގުޅިގެން އެ ކޮޓަރީގެ ކަރަންޓް ކޭބަލްތަކާއި ނެޓްވޯކް ކޭބަލްތަކަށް ގެއްލުންތަކެއް ލިބިފައިވާތީ، މިއަދުގެ ހެނދުނު ކުރިއަށް ގެންދަން ތާވަލުކޮށްފައިވާ އޮންލައިން ޝަރީއަތްތައް ކެންސަލް ކޮށްފައިވާ ކަމަށެވެ.

ނަމަވެސް ކޯޓަށް ހާޒިރުވެގެން ބާއްވ ޝަރީއަތްތައް ކުރިއަށް ދާނެ ކަމަށް ބުންޏެވެ.

ކްރިމިނަލް ކޯޓުގެ އިމާރާތަކީ ގިނަ ދުވަސްވެ، ބާވެފައި ވުމުން، އެތަން ބޭނުންކުރުން ރައްކާތެރިނޫން ކަމަށް ކަމާބެހޭ އިދާރާތަކުން ލަފާދީފައިވާ އިމާރާތެކެވެ. ނަމަވެސް އެހެން ތަނެއް އަދި ނުލިބޭތީ ކްރިމިނަލް ކޯޓުން ދަނީ އެ އިމާރާތް ބޭނުންކުރަމުންނެވެ.