ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުން ހިންގާ ބައެއް ކޯސްތަކުގައި ބައިވެރިވުމަށް ދީފައިވާ މުއްދަތު އިތުރުކޮށްފިއެވެ.

އާދީއްތަ ދުވަހު ކުރި އިއުލާނެއްގައި މަރުކަޒުން ބުނީ، މި ސެމިސްޓާގައި ފަށަން ހަމަޖެހިފައިވާ "ޤިިރާއަތު ސެޓްފިކެޓް 1" ކޯހުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށް، ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ.

ޤިރާއަތު ކޯސް 1 ގައި ބައިވެރިވުމުގެ ޝަރުތުތައް:

  • ފަށާ ތައުލީމް (ގްރޭޑް 7) ނިންމާފައިވުން
  • މަރުކަޒުން ކުރާ އިންޓަވިއު އިން ފާސްވުން

ދެ މަސް ދުވަހުގެ އެ ކޯހުގައި މާލެ އަށް 60 ޖާގަ، އަދި ހުޅުމާލެ އަށް 30 ޖާގަ ވަނީ ހާއްސަކޮށްފައެވެ.

މަރުކަޒުން ބުނީ، ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް، އެ ތަނުގެ ވެބްސައިޓް މެދުވެރިކޮށް މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ފޯމް ޑައުންލޯޑް ކުރެވޭނެ ކަމަށެވެ. އަދި އަންނަ ހޯމަ ދުވަހުގެ މެންދުރުފަހު 1:30 ގެ ކުރިން ފޯމް ފުރުމަށް ފަހު މުހިންމު ލިއުންތަކާ އެކު މެއިލްކުރުމަށް ވެސް އެ ތަނުން އެދެއެވެ.

އޭގެ އިތުރުން، ކައުންޓަރުން ވެސް ފޯމު ބަލައިގަންނާނެ ކަމަށް، މަރުކަޒުން ބުންޏެވެ.

އެއަށް ފަހު ކޯހަށް ދަރިވަރުން ހޮވުމަށްޓަކައި ހޯމަ ދުވަހުން ފެށިގެން ހަތް ދުވަހުގެ މުއްދަތަކަށް އިންޓަވިއު ކުރިއަށް ގެންދާނެ ކަމަށް ވެސް އެ ތަނުން ބުންޏެވެ.