ގެއްލިގެން ހޯދަމުން ދަނިކޮށް އިއްޔެ ހަވީރު މަރުވެފައި އޮއްވާ ފެނުނު ކ. މާލެ، ހ. ބޮނޑިކަނދޮޅުގެ، އުމުރުން 27 އަހަރުގެ މުހައްމަދު އަޒުހާން ހޯދުމަށް ފުލުހުން ތަހުގީގު ހިންގީ ރަނގަޅަށްތޯ ބަަލައިދިނުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އެމްއާރްއެމުން ގޮވާލައިފިއެވެ.

އެމްއާރްއެމުން ބުނީ، އަޒްހާންގެ މަރުގެ މައްސަލަ ހޮމިސައިޑް ތަހުގީގެއްގެ ގޮތުގައި ފުލުހުން ބަލަމުން އަންނަ އިރު، އޭނާ ހޯދުމަށް ފުލުހުން ހިންގާފައިވާ ތަހުގީގާ މެދު ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް އުފެދިފައިވާ ކަމަށެވެ. އެގޮތުން އަޒްހާން ގެއްލިގެން ރިޕޯޓް ކުރުމުން އޭނާ ހޯދުމަށް ފުލުހުން ހިންގި ތަހުގީގާ ގުޅޭ ގޮތުން އުފެދިފައިވާ ސުވާލުތައް އެމްއާރްއެމުން ވަނީ ހިއްސާ ކޮށްފައެވެ.

އަޒްހާން ހޯދުމުގެ ތަހުގީގާ ގުޅޭ ގޮތުން އުފެދޭ ސުވާލުތައް:

  1. އަޒްހާން ފެނުނު ސަރަހައްދު ރަނގަޅަށް ބަލާ ފާސްކޮށްފައި ވޭތޯ؟
  2. އަޒްހާންގެ ހަށިގަނޑު ފެނުނީ އޭނާ ދިރިހުއްޓާ އެންމެ ފަހުން ފެނިފައިވާ ސަރަހައްދާ ކިހާ ކައިރި ސަރަހައްދަކުންތޯ؟
  3. ހަށިގަނޑު ފެނިފައިވާ ސަރަހައްދު އެންމެ ފުރަތަމަ ފުލުހުން ހޯދީ ކޮން ދުވަހަކުތޯ؟

އެހެނަކމުން މި މައްސަލައިގައި ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ ކޮންބޮޑުވުންތަކާއި ސުވާލުތަކަށް ޖަވާބުދާރީ ވުމަށް ކަމާ ބެހޭ މުއައްސަސާތަކަށް ގޮވާލާ ކަމަށް އެމްއާރްއެމުން ބުނެއެވެ.

މި ދިޔަ މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު 6 ޖެހި އިރުނ ފެށިގެން އަޒުހާންގެ ހަބަރެއް ނުވެގެން 19 ވަނަ ދުވަހުގެ ރޭ 7 ޖަހާ އިރު އާއިލާއިން ފުލުހަށް ރިޕޯޓު ކުރުމާއެކު އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ވަނީ ފަށާފައެވެ. 2 ހަފްތާ ވެގެން ދިޔަ އިރު އަޒްހާންގެ ހަށިގަނޑު ފެނިފައި ވަނީ އިއްޔެގެ ހަވީރުގެ ވަގުތެއްގައެވެ.

އަޒްހާންގެ ހަށިގަނޑު ފެނުނީ ހުޅުމާލެ ފޭސް 1 ގައި ހަދަމުންދާ ވޯޓާ ތީމް ޕާކް ސަރަހައްދުންނެވެ. އޭރު އޭނާގެ ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ކުނިވެފައެވެ. އެ ސަރަހއްދުގައި ވެސް ވަނީ ކުނި ވަސް ހިފާފައެވެ.

އެ ހަށިގަނޑު ފެނުނީ ކުނި ވަސް ދުވައިގެން ނޫން ކަމަށާއި އެތަން ބެލީ މި މައްސަލައިގައި ކުރަމުން ދިޔަ ތަހުގީގުގައި ސީސީޓީވީ ފުޓޭޖުން ފެނުނު މައުލޫމާތުތަކާ ގުޅިގެން ކަމަށް ފުލުހުން ބުނެފައި ވެއެވެ. އަދި އެ ހަށިގަނޑަށް ބޭރު ފުށުން އެއްވެސް ގެއްލުމެއް ލިބިފައިވާ ކަމަށް ފާހަގަ ކުރެވިފައި ނުވާ ކަމަށާއި ވަރަށް އަވަހަށް އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދާނެ ކަމަށް ފުލުހުން ބުނެފައި ވެއެވެ. އަދި މިހާތަނަށް އެ ހަށިގަނޑު ފެނުނު ނަމަވެސް އަދި އޭނާގެ ފޯން ފެނިފައެއް ނުވެއެވެ.