ހއ. ކެލާ ޔޫތު ފޯރަމުން އިންތިޒާމު ކޮށްގެން އެރަށުގައި ކުރިއަށް ގެންދާ ''ކެލާ ޔޫތު ފޯރަމްގެ ވޮލީ މުބާރާތް 2022'' އިއްޔެ ފަށައިފިއެވެ.
މި މުބާރާތަކީ އަންހެނުންނަށް އަދި ފިރިހެނުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މުބާރާތަކަށް ވާއިރު މިއީ އެ ޖަމުއްޔާއިން ކުރިއަށް ގެންދާ 4 ވަނަ އަންހެން ވޮލީ މުބާރާތެވެ. އަދި މީގެ ކުރިން ފިރިހެނުންނަށް ހާއްސަކޮށް 5 މުބާރާތެއް އެ ޖަމުއްޔާއިން ވަނީ ބާއްވާފައެވެ.
ޗެމްޕިއަން އަދި ރަނަރަޕްއަށް ދޭ އިނާމު:
- ފިރިހެންބައިގެ ޗެމްޕިއަން ޓީމަށް 8000 ރުފިޔާ
- ފިރިހެންބައިގެ ރަނަރަޕް ޓީމަށް 5000 ރުފިޔާ
- އަންހެންބައިގެ ޗެމްޕިއަން ޓީމަށް 5000 ރުފިޔާ
- އަންހެންބައިގެ ރަނަރަޕް ޓީމަށް 3000 ރުފިޔާ
ފިރިހެން ބައިގެ ފައިނަލް މިމަހު 6 ވަނަ ދުވަހަށް ކުޅުމަށް ތާވަލު ކޮށްފައި ވާއިރު އަންހެން ބައިގެ ފައިނަލް ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 5 ވަނަ ދުވަހުއެވެ.
މި އަހަރުގެ މުބާރާތުގައި ދެބައިން ވެސް 3 ޓީމެއް ބައިވެރިވެފައި ވާއިރު އިއްޔެ އަންހެން ބައިން ވާދަކޮށްފައި ވަނީ ވަށަފަރު ޓީމަކާއި ދިއްދޫ ރިއަލް ޓީ ސްޕޯޓްސް ކްލަބެވެ. މި މެޗު ތިން ސެޓާއެކު ވަށަފަރު ޓީމުން ކާމިޔާބު ކޮށްފައި ވާއިރު ފިރިހެން ބައިން ކެލާ އެމާ އާއި ފިއްލަދޫ ބައްދަލުކުރި މެޗު ކެލާ ޓީމުން ވަނީ 3-1 އިން ކާމިޔާބު ކޮށްފައެވެ.
މިއަދުގެ މެޗުގައި ފިރިހެން ބައިން ކެލާ އެމާ އާއި ކިހައްޑިހަ ވާދަކުރަން ހަމަޖެހިފައި ވާއިރު އަންހެން ބައިން ކުޅުމަށް ހަމަޖެހިފައި ވަނީ ދިއްދޫ ރިއަލް ޓީ ސްޕޯޓްސް ކްލަބާއި ކެލާ ޓީމެވެ.