މިހާރު ތަރައްގީ ކުރަމުން އަންނަ ރިސޯތްތައް ނިމުމުން ރާއްޖޭގައި ހިންގާ ރިސޯޓްތަކުގެ އަދަދު، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގެ އަދަދާ އަރައި ހަމަކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރާއްޖޭގެ ގައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޓޫރިޒަމްގެ ރަން އަހަރާއި ގައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، މި ރާއްޖޭގައި މީހުން ވަޒަންވެރިވެ ދިރިއުޅެމުން އަންނަތާ ދެ ހާސް އެތައް އަހަރެއްވެފައި ވާ އިރު، ރާއްޖޭގައި އޮތް 1100 އަށް ވުރެ ގިނަ ރަށުގެ ތެރެއިން މީހުން ދިރިއުޅެމުން އަންނަނީ، އެންމެ 186 ރަށުގައި ކަމަށެވެ.

ރާއްޖޭގައި ފަތުރުވެރިކަން ތައާރަފްވިތާ މާދަމާ އަށް 50 އަހަރު ފުރޭ އިރު، ރާއްޖޭގައި މިހާރު ހިނގަހިނގާ އޮތް 166 ރިސޯޓް އެބަ އޮތް ކަމަށާއި އަދިވެސް އިތުރު ރަށްތައް އެ އަންނަނީ ރިސޯޓްގެ ގޮތުގައި ތަރައްހީ ކުރަމުން ކަމަށެވެ. އެ ރިސޯޓްތައް ހުޅުވުމުން، ރާއްޖޭގެ ރިސޯޓްތަކުގެ އަދަދު، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގެ އަދަދާ ދާދި އަވަހަށް އަރައި ހަމަކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެ ބަދަލާއެކު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޒީފާގެ އެތައް ފުރުސަތެއް ހުޅުވިގެން ދާނެ ކަމަށާއި، އެކަމަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަކީ ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއް ކަމަށް ރައީސް ވިދާޅުވިއެވެ. ފަތުރުވެރިކަން ފުޅާވެގެންދާ އިރު، އެކަމުގެ ހަގީގީ މަންފާ ލިބޭނީ، ތައުލީމީ ދިވެހި ޒުވާނުންނާއި، ފަތުރުވެރިކަމާ ގުޅުން ހުރި ފަންނީ ދާއިރާތަކުން މީހުން އުފައްދައިގެން ކަމަށާއި، ފަތުރުވެރި ކަމުގައި ރާއްޖެއަށް ލިބިފައިވާ މަގާމު ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ ވަރަށް ގިނަ ކަންތައް އަދިވެސް އެބަހުރިކަމަށް ރައީސް ވިދާޅުވިއެވެ. އެ ލިސްޓުގެ އެންމެ ކުރީގައި އޮތް ކަމަކީ ރާއްޖޭގެ ގުރުދަތީ މުއްސަނދިކަން ރައްކާތެރި ކުރުމާއި ތިމާވެށި ހިމާޔަތް ކުރުމުގެ ކަންކަން ކަމަށް ރައީސް ވިދާޅުވިއެވެ.

"ރާއްޖޭގެ 1100 އަށް ވުރެ ގިނަ ރަށުގެ ތެރެއިން މީހުން ދިރިއުޅެމުން މިއަންނަނީ، އެންމެ 186 ރަށުގައި. ރާއްޖޭގައި ފަތުރުވެރިކަން ތަޢާރަފްވިތާ މާދަމާ އަށް 50 އަހަރު ފުރޭއިރު، ރާއްޖޭގައި މިހާރު ހިނގަހިނގާ އޮތް 166 ރިސޯޓް އެބަ އޮތް."
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ރާއްޖެއަކީ ބައިނަލްއަގްވާމީ ފަތުރުވެރިކަމުގެ ބާޒާރަށް އަބަދުވެސް ހުޅުވިފައި އޮތް މަންޒިލަކަށް ވީއިރު، ފަތުރުވެރިކަން ފުޅާކުރުމުގެ ފުރުސަތުތައް ރާއްޖޭގައި ގިނަ ކަމަށް ރައީސް ވިދާޅުވިއެވެ. ރާއްޖޭގައި އިންވެސްޓްކުރަން ބޭނުންވާ މީހުންވެސް އަދިވެސް އެބަ ތިބި ކަމަށާއި ރާއްޖެއަށް ޒިޔާރަތް ކުރަން ބޭނުންވާ ފަތުރުވެރިން ވެސް ތިބި ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ދެއްކެވި ވާހަކަ ފުޅުގައި ވަނީ، ޕްރައިވެޓް ސެކްޓާގެ ބައިވެރިވުމާއެކު ފަތުރުވެރިކަމުގެ އުދަރެސް ފުޅާކޮށް މި ސިނާއަތު ސިންދަފާތު ކުރުމަކީ ސަރުކާރުގެ ސިޔާސަތު ކަމަށް ވިދާޅުވެފައެވެ. އެގޮތުން މިދިޔަ ސެޕްޓެންބަރު މަހުގެ ނިޔަލަށް ރާއްޖޭގައި 166 ރިސޯޓާއި، 3 ޔޮޓް މެރީނާ އާއި 13 ޓޫރިސްޓު ހޮޓަލާއި 721 ގެސްޓް ހައުސް ހިންގަމުން ދިޔަ ކަމަށާއި އޭގެ އިތުރުން ހޯމް ސްޓޭ 4 ގެސްޓްހައުސްއާއި 147 ޓޫރިސްޓް އުޅަނދާއި 7 ބެއާ ބޯޓް ރަޖިސްޓްރީކޮށް ހިންގަމުން ގެންދިޔަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެނދުގެ އަދަދު 57،436 އަށް އަރާ އިރު މިހާރުވެސް ރާއްޖޭގެ 20 އަތޮޅުގެ 105 ރަށެއްގައި ގެސްޓްހައުސްތައް އެބަ ހިންގާ ކަމަށް ރައީސް ވިދާޅުވިއެވެ.

ފަތުރުވެރި ކަން ފުޅާވެގެން އައިސްފައިވާ މިންވަރު ހާމަ ކުރައްވަމުން އެމނަކުފާނުު ވަނީ ރާއްޖޭގައި އަދިވެސް އިތުރު ރިސްޓްތަކާއި ގެސްޓްހައުސްތައް އަޅަން ތަންތަން ތަރައްގީ ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ. އަދި ވެސް އެވަރުން ފުދުނީ ނޫން ކަމަށާއި ފަތުރުވެރިކަމުގެ ސާލު މުޅި ރާއްޖެއަށް ފަތުރާލުމަކީ އެއް އަމާޒު ކަމަށް ރައީސް ވިދާޅުވިއެވެ. އެކަމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުން ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން މިދިޔަ ހަތަރު އަހަރުގެ ތެރޭގައި، ރާއްޖޭގައި އަލަށް 33 ރިސޯޓާއި 471 ގެސްޓް ހައުސް ހުޅުވާފައިވާ ކަން ރައީސް ފާހަގަކުރެއްވިއެވެ. އެއީ 8385 ކޮޓަރި ނުވަތަ 16783 އެނދު ކަމަށާއި ސީދާ އެ ތަންތަނުން ވެސް އެތައް ހާސް ވަޒީފާއެއް އުފެދި އެ ތަންތަން ހުޅުވުމާއެކު، ފަތުރުވެރިކަމާ ގުޅުން ހުރި އެހެން ދާއިރާތަކުން ވެސް، އިތުރު އެތައް ހާސް ވަޒީފާއެއް އުފެދިފައިވާނެ ކަން ރައީސް ފާހަގަކުރެއްވިއެވެ.