މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާލިބޭ، ޓިކްޓޮކްގައި މަޝްހޫރުކަން ހޯދާފައިވާ ހުނޭސާ އާދަމް ނަސީރު (ހުނޫ) ހުނޫ ދޫކޮށްލަން ނިންމި ނިންމުން ބަދަލުކުރާނެ ސަބަބެއް ނެތް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ހުނޫގެ އިތުރުން އޭނާގެ ލޯބިވެރިޔާ މާލޭގައި ތިބި ގެއިން މަސްތުވާތަކެތި ފެނުނު މައްސަލައިގައި މިދިޔަ މާޗް މަހުގެ 28 ވަނަ ދުވަހު ވަނީ އެ ދެމީހުން ވަނީ ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ. އަދި ހުނޫގެ މައްޗަށް ވަނީ މަސްތުވާތަކެތީގެ ބާވަތްތައް ކަމަށްވާ ކެނަބިހާއި ޑައިމޯފިން ޓްރެފިކްކުރުމުގެ ދެ ދައުވާ އާއި، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ފުރަތަމަ ޖަދުވަޅުގައިވާ މަސްތުވާ އެއްޗެއް ޓްރެފިކްކުރުމުގެ ދައުވާ އުފުލާފައެވެ. އެހެންނަމަވެސް މިދިޔަ ޖޫން މަހު ކްރިމިނަލް ކޯޓުން ވަނީ ހުނޫ ދޫކޮށްލައިފައެވެ. އެ ނިންމުން މިދިޔަ އޮގަސްޓް މަހު ހައި ކޯޓުން ބާތިލްކޮށް ބަންދާ މެދު އަލުން ގޮތެއް ނިިންމަން ކްރިމިނަލް ކޯޓަށް އަމުރުކުރިއެވެ.

ދެވަނަ ފަހަރަށް ބަންދާ މެދު ގޮތެއް ނިންމިއިރު ވެސް ކްރިމިނަލް ކޯޓުން ނިންމީ ހުނޫ ދޫކޮށްލަން ނިންމުމާ ގުޅިގެން ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ވަނީ ހުކުމްކޮށްފައެވެ.

އެ ހުކުމުގައި ބުނެފައިވަނީ ހުނޫ ބަންދު ކުރަންޖެހޭ ސަބަބެއް ނެތް ކަމަށް ކްރިމިނަލް ކޯޓުން ނިންމީ ވަށައިގެންވާ ކަންކަމަށް ރިއާޔަތްކޮށް، ފަނޑިޔާރުގެ އިހްތިޔާރުގެ ތެރެއިން ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

ހުނޫ އަކީ ފިލްމު ކުޅުމުގެ އިތުރުން ޓިކްޓޮކުން ވެސް ފެނިގެންދިޔަ ފަންނާނެކެވެ. "ހުވާ" ފަދަ މަޝްހޫރު ސީރީޒްތަކުން ފެނިގެން ދިޔަ ހުނޫ ވަނީ ޑާކްރެއިންގެ ގިނަ ފިލްމުތަކުން ވެސް ފެނިގެން ގޮސްފައެވެ.