ކ.ކާށިދޫގެ އިރުން 30 ނމ. ބޭރުން އަޑިއަށްދިޔަ ބޯޓުން ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނު ފަޅުވެރިޔާ އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް އެހޮސްޕިޓަލުން ބުނެފިއެވެ.

ގެއްލިގެން ހޯދަމުންދަނިކޮށް އެމީހާ ފެނުނީ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ "ހަކުރާ" ލޯންޗަށް އިއްޔެ ހަވީރު 17:25 ހާއިރު އެވެ.

އައިޖީއެމްއެޗުން ބުނީ، އުމުރުން 59 އަހަރުގެ ބިދޭސީ ފިރިހެން މީހާ އެހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައިވާ ކަމަށެވެ.

މިދިޔަ ސެޕްޓެންބަރު މަހުގެ 28 ވަނަ ދުވަހު އިންޑިއާގެ ޓުޓްކޮރިން އިން ފުރައިގެން މާލެއަށް ދަތުރު ކުރަމުން ދިޔަ ބޯޓެއް، މޫސުމް ގޯސްވުމުގެ ސަބަބުން ކ.ކާށިދޫގެ އިރުން 30 ނޯޓިކަލް މޭލް ބޭރުން އަޑިއަށް ދިޔަ ކަމުގެ މައުލޫމާތު ލިބުނީ އިއްޔެ ހެނދުނު 10:30 ހާއިރެވެ.

އެ ބޯޓް އަޑިއަށް ގޮސް، އެއިން ދަތުރު ކުރި ހަތް ފަޅުވެރިންގެ ތެރެއިން ހަ ފަޅުވެރިއަކު ކަނޑުވެފައި ވަނިކޮށް ސަލާމަތް ކޮށްފައި ވަނީ، އެ ސަރަހައްދުން ދަތުރުކުރި "އެމްވީ ބަރަދުވާޖް" ނަމަކަށް ކިޔާ ބޯޓަކުންނެވެ. ނަމަވެސް އެއް ފަޅުވެރިއަކު ފެނިފައި ނުވުމުން އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ "ހަކުރާ" ލޯންޗް އެ ސަރަހައްދުގައި ހަރަކާތެރިވިއެވެ.