ވިޔަފާރިކުރުމުގައި އަންހެނުންގެ ދައުރު އިތުރުކުރުމުގެ ޕްރޮގްރާމްގެ ފުރަތަމަ ސެޝަން ހދ. ހަނިމާދޫގައި ބާއްވައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ، ވިމެން އިން ސަސްޓެއިނަބަލް އެންޓަޕްރެނާޝިޕް (ވައިޒް) ގެ ނަމުގައި އެ މިނިސްޓްރީން ފެށި ތަމްރީން ޕްރޮގްރާމް ސިލްސިލާކޮށް ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިއަށް ގެންދިއުމަށް ނިންމައިވާ ކަމަށެވެ. އެ ގޮތުން މިއަދު އެ ޕްރޮގްރާމްގެ ފުރަތަމަ ސެޝަން ވަނީ ހދ. ހަނިމާދޫގައި ބާއްވާފައި ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މި ޕްރޮގްރާމްގެ ފުރަތަމަ ސެޝަން، ހދ. ހަނިމާދޫ ގައި މިއަދު ފައްޓަވައި ދެއްވީ އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ނީޒާ އިމާދުއެވެ.
އެ ޕްރޮގްރާމުގެ މަގުސަދަކީ ވިޔަފާރިއެއް ފެށުމަށް ގަސްދުކުރާ އަންހެނުންނަށް އަދި މިހާރުވެސް ވިޔަފާރި ކުރަމުންދާ ފަރާތްތަކަށް ބޭނުންވާ ފަންނީ ތަމްރީނު ދިނުމެވެ. ހަމައެއާއެކު ސަރުކާރު ފަރާތުން އާއްމުންނަށާއި އަދި ވިޔަފާރި ކުރާ ފަރާތްތަކަށް ލިބެން ހުރި ފުރުސަތުތަކުގެ މައުލޫމާތު ފޯރުކޮށް ދިނުމެވެ. ވައިޒް ޕްރޮގްރާމުގައި ކިޔަވައި ދެވޭނީ ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީން ފާސްކޮށްފައިވާ ނޭޝަނަލް ސެޓްފިކެޓް 3 އިން އެންޓަޕްރިނިއާޝިޕް ސްޓޭންޑާޑަށް ފެތޭ ގޮތަށް ތައްޔާރު ކޮށްފައިވާ މާއްދާތައް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމު ނިންމާ ބައިވެރިންނަށް ސެޓެފިކެޓް ހަވާލު ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.