ކ.ކާށިދޫގެ އިރުން 30 ނމ. ބޭރުން އަޑިއަށްދިޔަ ބޯޓުން ގެއްލުނު ފަޅުވެރިޔާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ފެނިއްޖެ ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ބުނެފިއެވެ.

އޭނާ ފެނުނީ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ "ހަކުރާ" ލޯންޗަށް ހަވީރު 17:25 ހާއިރު ކަމަށާއި އެ މީހާ މާލެ ގެނައުމަށް މިހާރު ދަތުރުކުރަމުން ދާ ކަމަށް ބުނެފިއެވެ.

މިދިޔަ ސެޕްޓެންބަރު މަހުގެ 28 ވަނަ ދުވަހު އިންޑިއާގެ ޓުޓްކޮރިން އިން ފުރައިގެން މާލެއަށް ދަތުރު ކުރަމުން ދިޔަ ބޯޓެއް، މޫސުމް ގޯސްވުމުގެ ސަބަބުން ކ.ކާށިދޫގެ އިރުން 30 ނޯޓިކަލް މޭލް ބޭރުން އަޑިއަށް ދިޔަ ކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 10:30 ހާއިރެވެ.

އެ ބޯޓް އަޑިއަށް ގޮސް، އެއިން ދަތުރު ކުރި ހަތް ފަޅުވެރިންގެ ތެރެއިން ހަ ފަޅުވެރިއަކު ކަނޑުވެފައި ވަނިކޮށް ސަލާމަތް ކޮށްފައި ވަނީ، އެ ސަރަހައްދުން ދަތުރުކުރި "އެމްވީ ބަރަދުވާޖް" ނަމަކަށް ކިޔާ ބޯޓަކުންނެވެ. ނަމަވެސް އެއް ފަޅުވެރިއަކު ފެނިފައި ނުވުމުން އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ "ހަކުރާ" ލޯންޗް އެ ސަރަހައްދުގައި ވަނީ ހަރަކާތްތެރިވެފައެވެ.

ގެއްލުނު މީހާ ގެއްލުނު އިރު ލައިގެން ހުރީ ނޫކުލައިގެ ޓީޝާޓަކާއި ސޯޓު ބުރިއެކެވެ. އޭނާ އެންމެފަހުން ފެނުނުއިރު އޮތީ ލައިފްޖެކެޓް ވެސް އަޅައިގެން ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.