ގައުމީ ސައިބާ ސެކިއުރިޓީ އެވެއާނަސް މަސް ފާހަގަ ކުރުމުގެ ގޮތުން މުޅި އޮކްޓޯބަރު މަހަށް ބަހާލައިގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް މިނިސްޓްރީ އޮފް އެންވާރަމަންޓު، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލަޖީ އިން ޝެޑިއުލެއް އެކުލަވާލައިފިއެވެ.

އެ ހަރަކާތްތައް ފެށުމުގެ ރަސްމިއްޔާތު ބާއްވަން ހަމަޖެހިފައި ވަނީ އަންނަ ބުރާސްފަތި ދުވަހު ކްރޮސް ރޯޑްސް މޯލްޑިވްސްގައެވެ. އެ ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމް އަދި ސަރުކާރުގެ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

ޖުމްލަ ހަތަރު ތީމެއްގެ މައްޗަށް ބަހާލައިގެން ކުރިއަށް ގެންދާ ސައިބާ ސެކިއުރިޓީ ހަރަކާތުގެ ތެރޭގައި 20 އަށް ވުރެ ގިނަ ސެޝަން ބާއްވަން ވަނީ ރާވާފައެވެ. އެ ސެޝަންތަކުގައި ސަރުކާރުގެ އޮފިޝަލުންނާއި ކުންފުނިތަކާއި ކަމާބެހޭ ދާއިރާތަކުގެ ބޭފުޅުންގެ އިތުރުން ސްކޫލުތަކުގެ ދަރިވަރުންނާއި ބެލެނިވެރިން ވެސް ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މި ހަރަކާތްތައް ރާވާފައިވާ ހަތަރު ތީމަކީ ކުޑަކުދިންގެ ސައިބާ ސޭފްޓީ، ފިސިން އަދި ޕާސަނަލް ސެކިއުރިޓީ، ރެންސަމްވެއާ އަދި މަލްވެއާ ޕްރެވެންޝަން، އަދި އީ ކޮމާސް ސޭފްޓީއެވެ.

ޓެކްނޮލޮޖީ މިނިސްޓްރީން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި ސައިބާ ސެކިއުރިޓީއާ ބެހޭ އެކި ޕެނަލް މަޝްވަރާތަކާއި ހޭލުންތެރިކަމުގެ ސެޝަންތައް ހިމެނެއެވެ. އެގޮތުން މާލޭގައި ހުންނަ ގައުމީ ޔުނިވާސިޓީގެ މައި ކެމްޕަސް އަދި ގައުމީ ޔުނިވާސިޓީގެ ބިޒްނަސް ސްކޫލުގެ އިތުރުން ކްރޮސްރޯޑްސް މޯލްޑިވްސްގައި އެ ސެޝަންތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެ ސެޝަންތަކާއި މަޝްވަރާތަކުގައި ދުނިޔޭގެ ޓެކްނޮލަޖީ އަދި ސައިބާ ސެކުއިރިޓީގެ އިސް ކުންފުނިތަކުގެ އޮފިޝަލުން ބައިވެރިވާނެއެވެ.

އެގޮތުން ސިންގަޕޫރުގެ ސައިބާ ސެކިއުރިޓީ ފާމެއް ކަމަށްވާ ވެލްޗްމެން ކީން އާއި މަޝްހޫރު ޓެކްނޮލަޖީ ކުންފުނިތައް ކަމަށްވާ މެޓަ އަދި މައިކްރޮސްފްޓުގެ އިތުރުން މާސްޓާކާޑުގެ އޮފިޝަލުވެސް ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން އެމެރިކާގެ ޑިޕާޓްމަންޓް އޮފް ކޮމާސް، އޫރިދޫ މޯލްޑިވްސް އަދި ވިމެން އިން ޓެކް އެމްވީ އިންވެސް މި ހަރަކާތްތަކުގެ ތެރެއިން ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.