އޮކްޓޯބަރު 3 ވާ ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ސަރުކާރުން ހަމަޖައްސައިފިއެވެ.

ރައީސް އޮފީހުން ބުނީ އޮކްޓޯބަރު މަހުގެ 3 ވާ ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ހަމަޖައްސަވާފައިވާ ކަމަށެވެ.

މި ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ މި ދުވަހަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ ދުވަސްކަމަށްވާތީއެވެ.

ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުން ކުލަ ގޮތެއްގައި މިއަހަރު ފާހަގަކުރަން ނިންމާފައިވާ އިރު، ފަތުރުވެރިކަން ޕްރޮމޯޓް ކޮށް ގިނަ ފަތުރުވެރިންތަކެއް ރާއްޖެއަށް ގެނައުމަށް އަންނަނީ ޕްރޮމޯޝަން ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. ހަމައެއާއެކު ޓޫރިޒަމް ދާއިރާ ފުޅާ ކޮށް ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަގު ވަޒަން ކުރުމަށް ވެސް ގިނަ ހަރަކާތްތަކެއް ވަނީ ރާވާފައެވެ.

ރާއްޖެއަށް ފަތުރުވެރިކަން ތަރައްގީ ވެގެން އައީ އިޓަލީ ވިލާތުގެ ރައްޔިތެއް ކަމަށްވާ ޖޯޖް ކޯބިން، ކެރަފާ އަހްމަދު ނަސީމާއެކު މޯލްޑިވްސް އެކްސްޕްލޯ ކުރަން 1971 ވަނަ އަހަރު ކަނޑުމަގުން ކޮޅުނބުން ރާއްޖެއަށް ކުރި ދަތުރަށް ފަހުގައި ކަމަށް މީގެ ކުރިން ރައީސް ވަނި ވިދާޅުވެފައެވެ.