ޔޫކްރައިން އަށް އަރާ ރަޝިއާއިން ކުރަމުން ދާ ހަނގުރާމައިގައި، ހިފި 4 ސަރަހައްދު، ރަޝިއާގެ ބައެއްގެ ގޮތުގައި ކަނޑައެޅުމުން، އެމެރިކާއިން ރަޝިއާއަށް ވަރުގަދަ ރައްދެއް ދީފިއެވެ.

ރޭ ވައިޓްހައުސްގައި އެމެރިކާގެ ރައީސް ބޭއްވެވި ޕްރެސްކޮންފަރެންސްގައި ވިދާޅުވީ، އެމެރިކާއާއި ނޭޓޯގެ މަސްލަހަތު ހިމެނޭ އެއްވެސް ތަނަކުން (ބިމަކުން) އިންޗިއެއްވެސް ރަޝިއާއަށް ނުދެއްވާނެ ކަމަށާއި، ރަޝިއާއިން ހިފި ޔޫކްރައިންގެ ބިންތަކަކީ ޔޫކްރައިންގެ ބިންތައް ކަމަށެވެ.

އަދި ރަޝިއާގެ ނިންމުން ބަލައިނުގަންނާނެ ކަން އެމެރިކާއިން ވަނީ އިއުލާން ކޮށްފައެވެ.

މިއާއެކު ބައިޑަން ވިދާޅުވީ "ނުރައްކާ ޕުޓިން" މަސައްކަތް ކުރަނީ އެެމެރިކާއާއި ނޭޓޯގެ މައްޗަށް ނުފޫޒު ފޯރުވަން ކަމަށާއި ހިފާފައިވާ ބިންތައް ސަލާމަތް ކުރަން ކޮންމެފަދަ ބާރެއްވެސް ބޭނުންކޮށްފާނެ ކަމަށް ޕުޓިން ވިދާޅުވުންވެސް އެމެރިކާއިން ބަލައިނުގަންނާނެ ކަމަށެވެ.

މީގެ އިތުރުން ބައިޑަން ވިދާޅުވީ، ރަޝިއާގެ ކިބައިން ޔޫކްރައިން ސަލާމަތް ކުރުމަށް މިހާރުވެސް ފޯރުކޮށްދޭ އަސްކަރީ އެހީއާއި މާލީ އެހީގެ އިތުރުން 13 ބިލިއަން ޑޮލަރުގެ ޕެކޭޖެއް ދޭން ނިންމާފައި ވާކަމަށެވެ. އޭގެ ތެރޭގައި ޒަމާނީ އިތުރު ހަތިޔާރާއި، ވަޔާއި އެއްގަމުގެ ދިފާއަށް ބޭނުންވާ އެހީވެސް ހިމެނެއެވެ.

"ނޭޓޯ ސަރަހައްދުގެ ކޮންމެ އިންޗިއެއް ސަލާމަތް ކުރަން ނޭޓޯ އާއި އެމެރިކާ އޮތީ ފުރިހަމަ އަށް ތައްޔާތަށް، މި ކަން ޕުޓިން އަންޑައެސްޓިމޭޓް ނުކުރާތި" ޕުޓިން އަށް އިޝާރާތް ކުރައްވާ ކެމެރާއަށް އަތްޕުޅު ދިއްކުރައްވާ ބައިޑަން ވިދާޅުވިއެވެ.

ޔޫކްރައިން އަށް އަރާ އަތުލި 4 ސަރަހައްދު އިއްޔެ ރަސްމީކޮށް ރަޝިއާގެ ބައިތަކުގެ ގޮތުގައި ކަނޑައެޅުމާއެކު، ޔޫކްރައިން އިން ވަނީ ނޭޓޯ އާ ގުޅެން ރަސްމީކޮށް އެދިފައެވެ. ރަޝިއާގެ ރަސްމިއްޔާތު ހިނގަމުން ދިޔަ ވަގުތު، ޔޫކްރައިންގެ ރައީސް ވްލަޑިމިއާ ޒެލޮންސްކީ ވަނީ ނޭޓޯއާ ގުޅުމަށް ހުށަހަޅަންޖެހޭ ލިޔުންތަކުގައި ސޮއިކުރައްވާފައެވެ.

މިއާއެކު ޒެލޮންސްކީ ވިދާޅުވީ، ޔޫކްރައިން ހިމެނިފައި ވަނީ، ރަޝިއާއިން ބްލެކްމައިލް ކޮށް، މީހުން މަރާ، ދޮގާއި މަކަރުގެ މައްޗަށް އެެ މީހުންގެ ސަރަހައްދު ބޮޑުކުރާ އިރު ނޭޓޯގެ ސަރަހައްދުގެ ސަލާމަތާ ގުޅިފައި އޮތް ގައުމަކަށް ކަމަށެވެ. ނަމަވެސް ޔޫކްރައިން އިން ނޭޓޯ އާ ގުޅުމަށް ހުށަހަޅާ ހުށަހެޅުންތަކަށް ނޭޓޯގެ 30 ގައުމުން ލިބެނީ ފިނިތަރުހީބެއް ކަމަށް ވިދާޅުވެ ކަންބޮދުވުން ފާޅު ކުރައްވާފައެވެ.

އެމެރިކާއާއި ހުޅަނގުން، ރަޝިއާގެ ނިންމުން ގަބޫލު ނުކުރާ އިރު، ދެކުނު ކޮރެއާއިން ވެސް ބުނެފައި ވަނީ ރަޝިއާގެ ނިންމުން ގަބޫލު ނުކުރާނެ ކަމަށެވެ. މީގެ އިތުރުން އދ ގެ ސެކްރެޓަރީ ޖެނެރަލް ވެސް ވަނީ ރަޝިއާގެ އަމަލުތައް ކުށްވެރި ކުރައްވާފައެވެ.

ރަޝިއާއިން އިއްޔެ އިއުލާން ކުރި 4 ސަރަހައްދަކީ 2014 އަހަރު އަތްދަށުލި ކްރިމިއާ އާއި އިންވެގެން ރަޝިއާގެ ބޯޑަރުގައި އޮންނަ 4 ސަރަހައްދެވެ. އެއީ ޑޮނެސްކް، ލުހާންސްކް، ކެރޮސަން އަދި ޒެޕޮރީޒިއާ އެވެ.