މި ސަރުކާރުގެ ސިޔާސަތަކީ ރާއްޖޭގެ އުތުރާއި ދެކުނުގައި ފަތުރުވެރިކަން ފުޅާކޮށް ދެމެހެއްޓެނިވި އަދި އަތްފޯރާ އަގެއްގައި ވައިގެ މަގުންނާއި ކަނޑުމަގުން ދަތުރުފަތުރުކުރެވޭނެ ފަދަ އެކަމަށް ބޭނުންތެރި ހިިދުމަތްތައް ގާއިމުކުރުން ކަމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
އަދާރަން ސިލެކްޓް ހުދުރަން ފުށީގައި ރޭ ބޭއްވި ސައުތް އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) 2022 ގެ ހަވަނަ އެޑިޝަންގެ ހަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ ސަޓާ 2016 ވަނަ އަހަރު އިފްތިތާހުކުރެވުނު ފަހުން ދެކުނު އޭޝިއާގެ ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތައް ފާހަގަކުރާ ދެވަނައެއް ނެތް ބަޔަކަށް ސަޓާ ވެގެން ގޮސްފައިވާކަމަށާއި އެކަމަށްޓަކައި ސަޓާ ގެ އޯގަނައިޒަރުންނަށް ޝުކުރު އަދާކުރާ ކަމަށެވެ.
ސަޓާ އެވޯޑްސްގައި ތަމްސީލުކުރާ ދެކުނު އޭޝިއާގެ ހަ ގައުމަކީ ދުނިޔޭގައި ވެސް ފަތުރުވެރިކަމުގެ ގޮތުން އެންމެ ފުރިހަމަ ހިދުމަތް ފޯރުކޮށްދޭ ނަމޫނާ ގައުމުތައްކަން ފައިސަލް ފާހަގަކުރެއްވިއެވެ.
މިއަދު ރާއްޖެއަކީ އެންމެ ކުރިއަރާފައިވާ އެއް މަންޒިލްކަން ފާހަގަކުރައްވައި ފައިސަލް ވިދާޅުވީ އެ ކާމިޔާބީ ލިބުމުގެ އަސްލު ހަގީގަތަކީ ރާއްޖޭގެ މެހެމާންދާރީ އަދާކުރުމުގެ ސިފަ ކަމަށާއި ދިވެހިންގެ އެންމެ ހާއްސަ އެއްކަމަކީ ގާތް ރަހުމަތްތެރިކަމާއި ދީލަތިކަމާއެކު ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް ޒިޔާރާތްކުރާ ކޮންމެ ފަތުރުވެރިއަކަށްވެސް އެންމެ ފުރިހަމަ ތަޖުރިބާ ފޯރުކޮށްދިނުމުގެ ވިސްނުން ހުރެ އެކަމަށް ކުރާ މަސައްކަތް ކަމަށެވެ.
ފައިސަލް ވަނީ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ސަރުކާރަށް ވެދެއްވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށްޓަކައި ޝުކުރު އަދާކުރައްވައި ކޮވިޑްއަށް ފަހު ރާއްޖޭގެ ފަތުރުވެރިކަން ކުރިއެކޭ އެއްގޮތްވުމަށް ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އެއްބާރުލުން ލިބުނުކަމުގައި ފާހަގަކުރައްވާފައެވެ.