އަމީނިމަގު ހެދުމުގެ ބޭނުމަށް އެ މަގުގައި އިންދާފައި ހުރި ގަސްތައް ކެނޑުން ހުއްޓުވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ކޯޓަށް ހުށަހަޅައިފިއެވެ.

ނަޝީދުގެ ފަރާތުން އެ މައްސަލަ ހުށަހަޅަނީ ޝުނާނާ އެންޑް ކޯ ލޯ ފާމުންނެވެ.

އެ ލޯފާމުން ބުނީ އަމީނީ މަގުގައި ހުރި ގަސްތައް ނެގުން ހުއްޓާލުމަށް އެދި މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ކޯޓަށް މައްސަލައެއް ހުށަހަޅާފައި ވާނީ ގަސްތައް ނުނަގައި މަގު ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ގޮތްތައް ހުރުމާއެކު ކަމަށެވެ. އަދި އަމީނީމަގުގައި ހުރި ގަސްތައް އުފުރުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް ވެސް ވަނީ އެދިފައެވެ.

ނަޝީދު ވަނީ ދާދިފަހުން މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން އަމީނީމަގުގައި ހުރި ގަސްތައް ކަނޑާލުމާ މެދު ދެވަނަ ވިސްނުމަކަށް ދިއުމަށް ސަރުކާރުގެ ކިބައިން އެދިވަޑައިގަތެވެ. އަދި އެހެން ނޫނީ ޝަރީއަތަށް ދިއުން ނޫން ގޮތެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިދިޔަ ހަފްތާގައި ބޭއްވި މަޖިލިހުގެ ޖަލްސާއެއް ފެށުމުގެ ކުރިން ނަޝީދު ވިދާޅުވި ގޮތުގައި ގަސްތައް ހެދި ބޮޑުވުމަށް 15 ނުވަތަ 20 އަހަރު ނަގާނެ ކަމަށެވެ. އެކަމާ ގުޅިގެން އަމީނީ މަގު ހަދަމުން އަންނަ އާރްޑީސީއިން ބުނީ އަމީނީމަގު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފައި އޮތީ އެ މަގުގައި ހުރި ގަހަކަށް ގެއްލުން ނުވާނެ ފަދަ ގޮތަކަށް ކަމަށެވެ. އެހެންނަމަވެސް ނަރުދަމާގެ އިތުރުން އެހެން ބައިވަރު ނެޓްވޯކުތައް ވެސް އެ މަގުގައި ވަޅުލާފައިވާތީ އަމީނީމަގު ހެދުމަށް ދަތިތައް އެބަހުރި ކަމަށް އާރްޑީސީއިން ބުނެއެވެ.