އަމީނީމަގުގައި ހުރި ގަސްތައް ކަނޑަން ޖެހުނީ އެ ގަސްތައް ބަހައްޓައިގެން ތާރުއެޅެން ނެތިގެން ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ އަމީނީ މަގުގައި ހުރި ގަސްތައް ކެނޑުމަކީ އެއްވެސް ބަޔަކު ކުރަން ބޭނުންވާނެ ކަމެއް ނޫން ކަމަށެވެ.

އަދި އެ ގަސްތައް ކަނޑަނީ އޭގެ މޫތައް މަގަށް ފެތުރިފައި ހުރި ގޮތުން އެ މަގުގައި ހޮޅި ވަޅުލުން ކަހަލަ ކަންކަމަށް ދަތިވާތީ ކަމަށް މިއުވާން ވިދާޅުވިއެވެ.

އެނގިވަޑައިގަންނަވާނެ އަމީނީ މަގުގައި އިންދާފައި ހުރި ގަސްތަކަކީ މި ކަހަލަ މަގު ތަކުގައި އިންދާފައި ހުރި ގަސްތަކަށް ވުރެ ތަންކޮޅެއް ތަފާތު ގަހެއް. ދެން މާލޭގައި ވެސް ފެން ފަށަލަ މިއީ ފެދޭ ވަރަކަށް ތިލަކޮށް އޮންނާތީވެސް މި ގަހުގެ މޫތައް ހަމަ ފެތުރިގެން އެބަ ދޭ. ފެތުރިގެން ދިޔައިމަ އެބަ މަގުތަކުގައި ވަޅުލާ ކޭބަލްތަކާއި މި އެއްޗިއްސަށް ވެސް ގެއްލުންވުމާ އަދި ހޮޅިތައް ވަޅުލުމުގައި ވެސް ދަތިތަކެއް އެބަ ދިމާވޭ
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު

މިއުވާން ވިދާޅުވީ، ގަސްތައް އުކާލަނީ ނޫން ކަމަށާއި ގަސްތައް އެހެން ތަންތަނުގައި އިންދާނެ ކަމަށެވެ. އަދި މަގު ހެދުމަށްފަހު މަގު ފެހިކުރުން ކުރިއަށްދާނެ ކަމުގެ ޔަގީންކަން މިއުވާން ވަނީ ދެއްވާފައެވެ.

20 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ގަސްތައް ހުންނަ އަމީނީމަގަކީ މާލޭގައި އެންމެ ފެހިކޮށް އޮންނަ އެއް މަގެވެ. އެގޮތުން ދަރުބާރުގެ އާއި ސްޓެލްކޯ ކައިރި ސަރަހައްދުގެ އިތުރުން، ކުޑަކުދިންގެ ބަގީޗާ ހުންނަ ސަރަހައްދުގައި ގަސްތައް ގިނައެވެ.

އަމީނީމަގުގައި ގަސްތައް ނަގާތީ އާންމުން ފާޑުކިޔާފައިވާއިރު، އެ ފާޑުކިޔުންތަކަށް ރައްދުދީ ނެރުނު ބަޔާނެއްގައި އާރުޑީސީން އޭރު ބުނީ، އަމީނީމަގު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފައި އޮތީ އެ މަގުގައި ހުރި ގަހަކަށް ގެއްލުން ނުވާނެ ފަދަ ގޮތަކަށް ކަމަށެވެ.

ނަމަވެސް، ނަރުދަމާގެ އިތުރުން އެހެން ބައިވަރު ނެޓްވޯކުތައް ވެސް އެ މަގުގައި ވަޅުލާފައިވާތީ، އަމީނީމަގު ހެދުމަށް ދަތިތައް އެބަހުރި ކަމަށް އެ ކޯޕަރޭޝަނުން މިދިޔަ ހަފްތާގައި ނެރުނު ބަޔާނުގައި ބުންޏެވެ.

އަމީނިމަގު ހެދުމުގެ ބޭނުމަށް އެ މަގުގައި އިންދާފައި ހުރި ގަސްތައް ކެނޑުން ހުއްޓުވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން މާދަމާ ކޯޓަށް މައްސަލަ ހުށަހަޅަން ވަނީ ނިންމަވާފައެވެ. ނަޝީދުގެ ފަރާތުން އެ މައްސަލަ ހުށަހަޅަނީ ޝުނާނާ އެންޑް ކޯ ލޯ ފާމުންނެވެ.