ގދ. މަޑަވެލީ ޓީއެސް ދޯނިން އިއްޔެ 57.152 ޓަނުގެ މަސް ކިރާ އެއް ދުވަހުގެ ތެރޭގައި އެންމެ ގިނަ މަސް ބޭނުމުގެ ރެކޯޑް އާ ކޮށްފިއެވެ.

މިފްކޯގެ ސީއީއޯ އިސްމާއީލް ފައުޒީ ވިދާޅުވީ ދެކުނުގެ މޫސުން އެންމެ ރަގަޅު ނޫން ނަމަވެސް އިއްޔެ މަހަށް ނިކުތް މަޑަވެލީގެ ޓީއެސް ލައިން ދޯނިން 57.152 ޓަނު މަސް ކޫއްޑޫއަށް ކިރާފައިވާ ކަމަށާއި އެއީ ދޮށީގެ މަސްވެެރިކަމުގެ ރިކޯޑެއް ހަދާފައި ކަމަށެވެ.

އެ ދޯނިން ކިރި މަަހަށް ލިބުނު އާމްދަނީއަކީ 971،584 ރުފިޔާ ކަމަށާއި ދޯނީގެ ފަޅުވެރިންނާއި ކެޔޮޅު ކުރި ހިތްވަރަށް އައްސަރި ބަހާއި ސާބަސް ދަންނަވާ ކަމަށް ފައުޒީ ވިދާޅުވިއެވެ.

ފައުޒީ އިތުރަށް ވިދާޅުވީ އެ ދޯންޏަކީ މިދިޔަ އަހަރުވެސް އެންމެ ގިނަ އަދަދަކަށް މިފްކޯއަށް މަސްކިރި ދޯނި ކަމަށާއި އެގޮތުން މިދިޔަ އަހަރު އެ ދޯނިން 1095.805 ޓަނުގެ މަސް މިފްކޯއަށް ކިރާފައިވާ ކަމަށެވެ.

މީގެ ކުރިން އެ ދޯނިން ގިނަ އަދަދެއްގެ މަސް މިފްކޯއަށް ކިރާފައިވާއިރު މިދިޔަ ޑިސެމްބަރު މަހުގައި އެ ދޯނިން 49.9 ޓަނު ކޫއްޑޫއަށް ކިރާފައިވާއިރު މިދިޔަ ނޮވެމްބަރުމަހު ހަފްތާއެއްހާ ދުވަސް ތެރޭގައި އެދޯނިން 105 ޓަނުގެ މަސް ބޭނި ކަމަށް މައުލޫމާތުތައްވެސް ވަނީ ލިބިފައެވެ.