އިންޑިއާ އަކީ، ތަފާތު އެތައް ދީނަކާއި މަސްހުނި އެތައް ސަގާފަތެއްގެ މިލިއަން މިލިއަން މީހުން ދިރިއުޅޭ ގައުމެކެވެ. މައިގަނޑު 8 ދީނަކާއި އެއްވެސް ދީނަކަށް ނޫޅޭ ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅޭ އިންޑިއާގައި އެވަގުތަކު، އެބަޔަކަށް ބޭނުން ޖެހޭ ކަންކަމާ ގުޅިގެން އަޅުކަން ކުރުމާއި، ކަލާނގެތައް ހަދައިގެން އުޅުމަކީ އިންޑިއާގައި އާންމު ކަމެކެވެ.

އަދި ތަޑުމަޑުމަކާއި ހަނަފަސް ކަމާއި، މޫސުމީ ކާރިސާތަކުން މިންޖުވޭތޯ، އާދަޔާހިލާފު ކަންކަން ކުރުމަކީވެސް އިންޑިއާގެ ސަގާފަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މިހާރު މި ވެގެން އުޅޭ ގޮތަކީ، އާންމުކޮށްވެސް ހަނަފަސް ވާ އަދި ވާރޭ ވެހޭނަމަ ފެންބޮޑުވާ އާސާމް އަށް ކުރިމަތިވެގެން އުޅޭ ހަނަފަސްކަން ފިލައި ދޭތޯ 2 ބޮކެއް ކައިވެނި ކުރުވައިގެންނެވެ. ރީތިކޮށް 2 ބޮއް ފެންވަރުވާ ޒީނަތްތެރި ކޮށްގެން، ފައްޅިއަކަށް ގެންގޮސް އެ 2 ބޮކުގެ ވަށައިގެން ހިނގާ ހަދާފައި، 2 ބޮއް ކައިވެނި ކުރުވީއެވެ.

"އަހަރެމެން ގަބޫލު ކުރާ ގޮތުން، އެއީ ނަސީބެއް، ދެން ވާރޭ ވެހިދާނެ"
ބޮއް ކައިވެނި ކުރުވި މީހުން

އެ 2 ބޮއް ކައިވެނި ކުރުވި މީހުން ގަބޫލު ކުރާ ގޮތުން، އެ 2 ބޮއް ކައިވެނި ކުރުވާ ހަނީމޫނަށް ދޫކޮށްލީމައި ދެން އިސާހިތަކު ވާރޭ ވެހިދާނެއެވެ.

އާސާމްގައި މި ގޮތަށް ބޮކުގެ ކައިވެނި ކުރުވުމަކީ އާ ކަމެއް ނޫނެވެ. މީގެ ކުރިންވެސް މި ގޮތަށް ކައިވެނި ކުރުވާފައި ވާއިރު، 2019 ވަނަ އަހަރު 2 ބޮކެއް ވަރިވެސް ކުރުވާފައި ވެއެވެ. އެކަން ކުރީ، އެފަހަރު ފެންބޮޑުވެގެން އެކަމުން ސަލާމަތް ވޭތޯއެވެ.