ސްޓެލްކޯގެ މުވައްޒަފުންނަށް ހާއްސަކޮށްގެން އެކުންފުނިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ "ބްލޫ ރިޖް" ދެ ޓަވަރުން މިހާތަނަށް ނުވިކި ހުރި އެޕާޓްމަންޓްތަކުގެ ގުރުއަތުލުން ރޭ ބާއްވައިފިއެވެ.

ސްޓެލްކޯއިން ބުނީ މިހާތަނަށް ނުވިކި ހުރީ 1+2 ގެ 16 ޔުނިޓާއި، 1 ބެޑްރޫމްގެ 16 ޔުނިޓް ކަމަށެވެ. އަދި މީގެ ކުރިން 1 ބެޑްރޫމްގެ ޔުނިޓެއް ލިބިފައިވާ ފަރާތަކުން އެ ޔުނިޓް ދޫކޮށްލުމާއި ގުޅިގެން، ރޭ ގުރުއަތު ނެގި އިރު 1 ބެޑްރޫމްގެ ޖުމްލަ 17 ޔުނިޓަށް ގުރުއަތު ނަގާފައިވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ.

މި ޔުނިޓްތަކަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން 1 ބެޑްރޫމްގެ ޔުނިޓްތަކަށް ޝަރުތުހަމަވާ 75 ސްޓާފުން ތިބިއިރު 1+2 ބެޑްރޫމްގެ ޔުނިޓްތަކަށް ޝަރުތުހަމަވެފައިވަނީ 235 ސްޓާފުން ކަމަށް ސްޓެލްކޯއިން ވަނީ ފާހަގަކޮށްފައެވެ.

ސްޓެލްކޯއިން ބުނީ ރޭ ގުރުއަތުލުން ކުރިއަށްގެންގޮސްފައިވާއިރު، މި ޔުނިޓްތަކަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކުގެ ލިސްޓެއް ސެޕްޓެމްބަރު 25ގައި ސާކިއުލާއަކުން ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް އާންމުކޮށްފައިވާ ކަމަށެވެ.

ގުރުއަތުލުން ކުރިއަށްގެންގޮސްފައިވަނީ ޝަރުތުހަމަވާ ހުރިހާ މުވައްޒަފުންނަށް ދައުވަތު ދެވިގެން، އެ މުވައްޒަފަކު ނުވަތަ އެ މުވައްޒަފެއްގެ ބަދަލުގައި ކަނޑައެޅި ފަރާތަކުން ހާޒިރުވެ، އެމުވައްޒަފެއްގެ ނަން ޖަހާފައިވާ ކަރުދާސްކޮޅު އަމިއްލައަށް ފޮއްޓަށް އަޅައިގެން ކަމަށް ސްޓެލްކޯއިން ބުނެއެވެ.

ސްޓެލްކޯއިން ބުނީ އެކި ސަބަބުތަކާއިހުރެ ހާޒިރު ނުވެވުނު މުވައްޒަފުންގެ ނަންކޮޅުތައް ފޮއްޓަށްލާފައިވަނީ ގުރުއަތަށް ހާޒިރުވި، ހުރިހާ މުވައްޒަފުންގެ ކުރިމަތީގައި ހައުސިން ކޮމިޓީން ކަމަށެވެ.

ދެ ކެޓަގަރީއަށްވެސް ވަކިވަކިން ގުރުއަތު ނަގާފައިވާއިރު، ހޮވުނު ފަރާތްތަކުގެ އިތުރުން، އެ ފަރާތްތަކަށް ލިބޭ ޔުނިޓް ވެސް ނަގާފައިވަނީ ގުރުއަތުން ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފައެވެ.

ސްޓެލްކޯއިން ބުނީ، ނުވިކިހުރި ޔުނިޓްތަކަށް ރޭ ގުރުއަތު ނަގާފައިވާއިރު، ކޮންމެ ކެޓަގަރީއަކުންވެސް އިތުރު 15 ސްޓާފެއްގެ ނަން ވެއިޓިން ލިސްޓްގެ ގޮތުގައި ވަނީ ނަގާފައިވާ ކަމަށެވެ. މި ފަރާތްތަކަށް ފުރުސަތު ދެވިގެންދާނީ ރޭ ގުރުއަތުން ހޮވުނު އެއްވެސް ފަރާތަކުން، އެއްވެސް ސަބަބަކާހުރެ، ލިބިފައިވާ ޔުނިޓް ދޫކޮށްލާކަމުގައިވާނަމަ، ވެއިޓިން ލިސްޓަށް ހޮވުނު ތަރުތީބުން ކަމަށް ވެސް އެކުންފުނިން ބުނެއެވެ.

ރޭ ބޭއްވި ރަސްމިއްޔާތުގައި މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ، މިއީ އެއްބަޔަކަށް އުފާވެރި ރެއެއް ކަމަށާއި، އަނެއްބަޔަކަށް އުފާވެރިނުވިނަމަވެސް ހިތްހަމަޖެހުމެއް ލިބިގެންދާނެ ރެއެއްކަމަށެވެ. އަދި އެ ހިތްހަމަ ޖެހުން ލިބެނީ ދެފުއްފެންނަ، އެއްވެސް އޮޅުވާލުމެއްނެތި އެންމެންގެ ކުރިމަތީގައި ގުރުއަތު ނެގިގެންދާތީކަން ޝަރީފު ވަނީ ފާހަގަ ކުރައްވާފައެވެ.

"ބްލޫ ރިޖް"ގައި ދެ ޓަވަރުގައި ޖުމްލަ 360 އެޕާޓްމަންޓް ހިމެނެއެވެ. އެއީ އެއް ކޮޓަރީގެ 72 އެޕާޓްމަންޓާއި ދެ ކޮޓަރި އާއި މެއިޑް ރޫމް ހިމެނޭ (1+2) 288 އެޕާޓްމަންޓެވެ.