އާރްޓީއެލް ފެރީން މިހާތަނަށް ބައި ލައްކައަށް ވުރެ ގިނަ މީހުން ދަތުރުކޮށްފައިވާ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އަސްލަމް މިހެން ވިދާޅުވީ، ބޮޑުތިލަދުންމައްޗަށް, އާރުޓީއެލް ފެރީގެ ހިދުމަތް ރަސްމީކޮށް ފެށުން އިފްތިތާހުކުރުމަށް ރޭ ހއ. ދިއްދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ މުޅި ރާއްޖެ މިސަރުކާރުން ތަރައްގީކުރަނީ ޒޯންތަކަށް ބަހާލައިގެން ކަމަށާއި، އެކަމުގެ މައިބަދައަކީ ދަތުރުފަތުރު ކަމަށެވެ. މިއީ އަގުބޮޑު ކަމެއްކަމަށް ބައެއް މީހުން ބުނިނަމަވެސް ދަތުރުކުރުމަށް މީހުން އަރާނެކަމުގެ ޔަގީންކަން މަޝްރޫއު ފެށިއިރު ވެސް އޮތް ކަމަށް އަސްލަމް ފާހަގަކުރެއްވިއެވެ.
އަސްލަމް ވިދާޅުވީ އާރްޓީއެލް ފެރީގެ ޒޯން އެކެއްގައި ހިމެނޭ 41 ރަށުން މިހާތަނަށް 56،238 ދަތުރުވެރިން އާރްޓީއެލް ފެރީގެ ހިދުމަތް ބޭނުން ކޮށްފައިވާ ކަމަށެވެ.
ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް ޕަބްލިކް ޓްރާންސްޕޯޓް ދެކޮޅު ޖެހޭ ހިދުމަތަކަށް ހަދަނީ ދައުލަތުން ހަރަދުކޮށްގެން ކަމަށެވެ. އެހެންކަމުން މިއާރުޓީއެލްގެ ހިދުމަތަކީވެސް ދެމެހެއްޓެނެވި ހިދުމަތަކަށް ހަދާނެކަމުގެ ޔަގީންކަން ދެއްވަމުން މިނިސްޓަރު ވިދާޅުވީ ދަތުރުފަތުރުގެ ނިޒާމުން ރާއްޖޭގެ މުޅި ޖުތަމައުއަށް އަންނަ ހެޔޮ ބަދަލަކީ މި ނިޒާމުން ބޭނުންވާ ނަތީޖާ ކަމަށެވެ.
އަސްލަމް ވިދާޅުވީ، އާރުޓީއެލް ފެރީގެ ނިޒާމާއެކު މުޅި އިސްތިސާދު ބަދަލުކޮށްލާނެ ކަމަށާއި، މިއީ ރާއްޖެއަށް ގެނެވުނު އެންމެ ބޮޑު ބަދަލު ކަމަށެވެ.
"އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫޢުގެ ފޭސް 1 ގެ ދަށުން، ޒޯން 1 ގައި ހިމެނޭ، ހއ. ހދ. އަދި ށ. އަތޮޅަށް މިހާރު ވަނީ ރާއްޖެ ޓްރާންސްޕޯޓް ލިންކް ސްޕީޑް ފެރީގެ ހިދުމަތް ފަށާފައެވެ.
މި ޒޯންގައި ބޭނުންކުރާ އާރްޓީއެލް ފްލީޓްގައި ޒަމާނީ 13 ފެރީ މިވަގުތު އޮތް އިރު، މި ޒޯނުގެ 41 ރަށަށް، ހަމަ ކޮންމެ ދުވަހަކުވެސް ދަތުރުތައް ކުރާނެއެވެ.
ރާއްޖެ 6 ޒޯނަކަށް ބަހާލައިގެން، އާރްޓީއެލް ސްޕީޑް ފެރީގެ ހިދުމަތް މުޅިރާއްޖޭގައި ފެށިގެންދާއިރު، ރާއްޖޭގެ 188 ރަށުގައި ފެރީ ޓަމިނަލްތައް ގާއިމްކޮށް، މުޅި ރާއްޖޭގައި ހިދުމަތް ދިނުމަށް 82 ހައި-ސްޕީޑް ފެރީ އުޅަނދެއް ދަތުރުތަކުގައި ބޭނުންކުރުމަށް ވަނީ ހަމަޖެހިފައެވެ.