މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކެއްގައި ދައުވާ އުފުލާ، ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ރެޕް ލަވަކިޔުންތެރިޔާ އިސްމާއީލް އިފްހާމް މުހައްމަދު (ޕެސްޓް) އާއި އިތުރު ބައެއްގެ މައްޗަށް ކުރާ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާގައި މަސްތުވާތަކެތި ފެނުނު ކަމަށް ބުނާ ފަންކާ ބޯޓާ ހަމައަށް ގެންދިޔަ ޕިކްޕުގެ ޑްރައިވަރުގެ ހެކިބަސް ނަގައިފިއެވެ.

ޕެސްޓާއި އިތުރު ބައެއްގެ މައްޗަށް ދައުވާކުރާ އެއް ސަބަބު ކަމަށްވާ ބޯޓަކަށް އެރުވި ފަންކާއެއްގެ ތެރެއިން 200 ގްރާމަށް ވުރެ ގިނަ ޑްރަގް ފެނުނު ކަމަށް ބުނެއެވެ.

މިއަދު އެ މައްސަލާގެ ހެކި ނެގުމަށް ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި މަސްތުވާތަކެތި ފެނުނު ކަމަށް ބުނާ ފަންކާ ނޯތު ހާބަރުގައި އޮތް ބޯޓަކާ ހަމައަށް ގެންދިޔަ ޕިކަޕުގެ ޑްރައިވަރާއި އެ ތަކެތި ތަހުލީލުކުރި ފުލުސް މީހާގެ ހެކިބަސް ވަނީ ނަގާފައެވެ.

އެގޮތުން ޑްރައިވަރު ބުނީ ބުރުޒުމަގުން ޕިކަޕު ދުއްވާފައި ދަނިކޮށް އަތްނަގާ ފަންކާއް ގެންގޮސްދިނުމަށް އެދުނު ކަމަށެވެ. އެވަގުތު އެތާ ދެ މީހުން ތިބި ކަމަށާއި އޭނާއާ ވާހަކަދެއްކީ އެތަނުން އެކަކު ކަމަށް ޑްރައިވަރު ވަނީ ބުނެފައެވެ.

ފަންކާ ޕިކަޕަށް އެރުވުމަށްފަހު އެ ދެ މީހުން ޕިކަޕު ފަހަތުން ސައިކަލުގައި ދިޔަ ކަމަށާއި އެ މީހުން ބުނި ނޯތު ހާބަރުގައި އޮތް ބޯޓަކާ ހަމައަށް ދިޔަ ކަމަށް ޑްރައިވަރު ވަނީ ކިޔައިދީފައެވެ. އަދި އޭގެ ދެ ދުވަސް ފަހުން ބޯ ދިގުކޮށްފައި ހުރި މީހެއްގެ ފޮޓޯ ދައްކާ ފަންކާ އެރުވި މީހަކާ ބެހޭގޮތުން ފުލުހުން ސުވާލުކުރިކަން ފާހަގަކުރަމުން ޑްރައިވަރު ބުނީ އެ ފޮޓޯގައި ހުރި މީހަކީ ފަންކާ އެރުވި މީހާކަން ޔަގީންކަމާ މެދު ބުނަން ނޭނގޭ ކަމަށް އޭނާ ބުނެފައިވާނެ ކަމަށެވެ.

އެ މައްސަލާގައި ދެން ވެސް އޮންނާނީ ހެކިބަސް ނެގުމެވެ.