އަމީނީމަގުގައި ހުރި ގަސްތައް ކަނޑާލުމާ މެދު ދެވަނަ ވިސްނުމަކަށް ސަރުކާރުން ދިއުމަށާއި، ނޫނީ ޝަރީއަތަށް ވަޑައިގަތުން ނޫން ގޮތެއް ނެތް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިންޒާރު ދެއްވައިފިއެވެ.
މިދިޔަ ހަފްތާގައި ބޭއްވި މަޖިލިހުގެ ޖަލްސާއެއްގައި ނަޝީދު ވަނީ އަމީނީމަގުގައި ތާރު އަޅައި އެ މަގު އަލުން ހެދުމަށްޓަކައި، އެ މަގުގައި ހުރި ގަސްތައް ކަނޑާތީވެ ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ. އަމީނީމަގުގައި ހުރި ގަސްތައް ނަގަން ފަށާފައިވާއިރު، އެ ގަސްތައް ގެންދާނީ ސަރުކާރުން ތަރައްގީކުރާ ކުޑަގިރި އަށް ކަމަށް، އާރުޑީސީން އޭރު ބުންޏެވެ. އެކަމަށް އިޝާރާތް ކުރައްވާ ނަޝީދު ވިދާޅުވީ، ގަސްތައް ބަހައްޓައިގެން އަމީނީމަގު ހެދޭނެ ގޮތެއް ހޯދަން ޖެހޭ ކަމަށެވެ.
މިއަދުގެ ޖަލްސާ ފައްޓަވަމުން ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ މިދިޔަ ހަފްތާގައި ދެއްކެވި ވާހަކަފުޅު ތަކުރާރުކުރައްވައި، އެއީ މާލޭގައި ދިރިއުޅޭ އާންމުންގެ ތެރެއިން ގިނަ ބައެއްގެ ކަންބޮޑުވުން އޮތް މައްސަލައެއް ކަމަށް ވިދާޅުވެފައެވެ. އެހެންވެ، އާރުޑީސީ އާއި ޕްލޭނިން މިނިސްޓްރީން ގަސްތައް ކެނޑުމާ މެދު ދެވަނަ ވިސްނުމަކަށް ދިއުމަށް ނަޝީދު އެދިވަޑައިގަތެވެ.
"އެހެންނޫން ނަމަ އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން ޝަރީއަތަށް ދިއުން ނޫން ގޮތެއް މިކަމުގައި ހަގީގަތުގަ ނެތް." ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު އޭރު ވިދާޅުވި ގޮތުގައި، ގަސްތައް ހެދި ބޮޑުވުމަށް 15 އަހަރު ނުވަތަ 20 އަހަރު ނަގާނެއެވެ.
ގަސްތައް ނަގާތީ އަމާޒުވި ފާޑުކިޔުންތަކަށް ރައްދުދީ ނެރުނު ބަޔާނެއްގައި އާރުޑީސީން އޭރު ބުނީ، އަމީނީމަގު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފައި އޮތީ އެ މަގުގައި ހުރި ގަހަކަށް ގެއްލުން ނުވާނެ ފަދަ ގޮތަކަށް ކަމަށެވެ.
ނަމަވެސް، ނަރުދަމާގެ އިތުރުން އެހެން ބައިވަރު ނެޓްވޯކުތައް ވެސް އެ މަގުގައި ވަޅުލާފައިވާތީ، އަމީނީމަގު ހެދުމަށް ދަތިތައް އެބަހުރި ކަމަށް އެ ކޯޕަރޭޝަނުން މިދިޔަ ހަފްތާގައި ނެރުނު ބަޔާނުގައި ބުންޏެވެ.
މި މީހުންނަށް ލާރި ކެވޭނެނު ގަސްތައް ނުކެނޑިޔަސް. ތިމާވައްޓޭ ކިޔައިގެން ވެސް މިމީހުން ތަޅަނީ ހުސްއަނގަކަން މިހާރު އެބަފެނޭނު.