ހުޅުމާލޭ ފޭސް 2 ގައި ޕާކެއް ހެދުމަށް އެޗްޑީސީއިން އާރްޑީސީއާ ހަވާލު ކޮށްފިއެވެ.
ހުޅުމާލެ ފޭސް 2 ގައި ޕާކު ހެދުމުގެ އިތުރުން ހުޅުމާލެ ފޭސް 1 ގެ ބީޗް ބުލެވަޑް މިހާރަށް ވުރެ ޝައުގުވެރިކަން އުފެދޭނެ މާހައުލެއްގެ ގޮތުގައި ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށްވެސް ވަނީ އާރްޑީސީއާ ހަވާލު ކޮށްފައެވެ.
އެކެމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި އެޗްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ. އަދި އާރުޑީސީގެ ފަރާތުންވެސް ސޮއިކުރެެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ )އެވެ.
އެޗްޑީސީއިން ބުނީ ހިޔާ ސަރަހައްދުގައި ހިޔާ ޕާކް ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން ގާޑަން އޭރިއާއާއި އެލެވޭޓެޑް ޕާތްވޭ އަދި ޕްލާޒާ ހެދުމުގެ މަސައްކަތް ކުރުމަށް ވަނީ ރޭވިފައި ކަމަށެވެ. އަދި ބީޗް ބުލެވާޑްގެ މަސައްކަތުގެ ތެރޭގައި ޕާތްވޭ އާއި ރޭމްޕް އަދި ލައިޓް ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެ ކުންފުނިން ބުނެއެވެ.
އެ ޕްރޮޖެކްޓްގެ މަސައްކަތް 1 އަހަރު ތެރޭގައި ނިންމާލެވޭނެ ކަމަށް އެޗްޑީސީއިން މައުލޫމާތު ދެއެވެ.
"ހިޔާ ޕާކު ސްޓޭޖު 2" ފަރުމާ ކުރުމަށް އާންމު ރައްޔިތުންގެ ހިޔާލު ހޯދުމަށް މީގެ ކުރިން ހުޅުވާލައިފައި ވާއިރު އެ ޕާކު ހެދުމުގެ މަސައްކަތް ކުރިއަށް ދާނީ 2 ސްޓޭޖަކަށް ބަހާލައިގެން ކަމަށާއި ފުރަތަމަ ސްޓޭޖުގެ ޑިޒައިންކުރުމުގެ މަސައްކަތް ނިމި އަމަލީ މަސައްކަތް ފަށާފައިވާ ކަމަށް މީގެ ކުރިން އެޗްޑީސީއިން ވަނީ ބުނެފައެވެ.
އެ ޕާކުގެ ފުރަތަމަ ސްޓޭޖު ޑިޒައިން ކުރީ އެ ސަރަހައްދުގައި ދިރިއުޅޭ އާންމު ރައްޔިތުން ނިކުމެ ހިޔާ ދޭ ގަސްތައް ކައިރީ އިށީދެލާނެ ޖާގަތަކަކާއެކު ކަމަށާއި ހިޔާ ޕާކުގެ ދެވަނަ ސްޓޭޖް ޑިޒައިން ކުރަން ރޭވިފައިވަނީ އެ ސަރަހައްދުގައި ދިރިއުޅޭ އާންމުންގެ ހިޔާލާވެސް އެއްކޮށް ކަމަށާއި އޭގެ މަގުސަދަކީ ޕާކުގައި ހިމެނިގެންދާ ކަންކަމަކީ ވީހާވެސް ގިނަ ބަޔަކަށް ބޭނުންކުރެވޭނެ ހިތްގައިމު މާހައުލަކަށް ހެދުން ކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ.