ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިކޮނޮމިކް އެންޑް ޔޫތު ކައުންސިލް (އީވައިސީ) އިން ނިންމި ނިންމުމަކާ ގުޅިގެން، ދައުލަތުން ހުށަހަޅާފައިވާ ޔައުމިއްޔާ އަކީ ސައްހަ ޔައުމިއްޔާ އެއް ނޫން ކަމަށް، އެ ކައުންސިލްގައި އިންނެވި ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު ޒުހޫރާއި، ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އާރަށް ކުއްޔަށް ދިން މައްސަލައިގައި މިއަދު ނެގި ތިން ހެކިވެރިންގެ ހެކިބަހާ އެކު، އެ މައްސަލައިގައި ހެކިބަސް ނެގުން ނިމުނީއެވެ.

މިއަދުގެ އަޑުއެހުމުގައި ޔާމީންގެ ދިފާއީ ހެއްކެއްގެ ގޮތުގައި އެންމެ ފުރަތަމަ ހާޒިރުކުރީ ސައީދެވެ. ސައީދު ހާޒިރުކުރީ އީވައިސީގެ މަސައްކަތްތައް ކުރިއަށް ދާ ގޮތް ސާފުކުރުމަށެވެ. އެހެންވެ، އެ ކައުންސިލްގެ މަސައްކަތްތައް ކުރިއަށް ދާ ގޮތާއި ނިންމުންތައް ތަންފީޒުކުރާ ގޮތްތައް އޭނާ ވަނީ ކިޔައިދެއްވައިފައެވެ.

އެގޮތުން، ފަޅު ރަށްތައް އެއް މިިނިސްޓްރީން އަނެއް މިނިސްޓްރީ އަށް ބަދަލުކުރުމަކީ އެ ކައުންސިލަށް ހުށަހަލާ ޒާތުގެ މައްސަލައެއްނޫން ކަމަށާއި، ޓޫރިޒަމް މިނިސްޓްރީގެ ދަށަށް އާރަށް ބަދަލުކުރުމާ ގުޅޭ ގޮތުން އެ ކައުންސިލްގައި މަޝްވަރާކުރިކަން ކަނޑައެޅިގެން ވިދާޅުވާން ނޭނގޭ ކަމަށް ސައީދު ވިދާޅުވިއެވެ.

ޔާމީންގެ ދިފާއުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ސައީދު ވަނީ އީވައިސީގެ ސައްހަ ޔައުމިއްޔާ އެއް އޮންނަން ވާނެ ގޮތުގެ ތަފްސީލް ވިދާޅުވެފައެވެ. އެގޮތުން ސައްހަ ޔައުމިއްޔާއެއްގައި، ކައުންސިލުން ކުރެވުނު މަޝްވަރާތަކުގެ ތަފްސީލާއި، ވަޒީރުންނަށް އެކަމެއް ނިންމަން ފެންނަ ގޮތްތަކާއި، މަޝްވަރާގައި ބައިވެރިވި ބޭފުޅުންގެ އިނީޝިއަލާއި، ފަހު ގަނޑުގައި އެ ބޭފުޅުންގެ ނަމާއި ސޮއި އޮންނަން ވާނެ ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން، ދައުލަތުން ހުށަހަޅާފައިވާ ޔައުމިއްޔާގެ ސައްހަކަން ކަށަވަރުކުރުމަށް ދިފާއުން އެދުމުން އެ ލިޔުން ބެއްލެވުމަށް ފަހު ސައީދު ވިދާޅުވީ އެއީ ސައްހަ ޔައުމިއްޔާ އެއް ނޫން ކަމަށެވެ.

އެއަށްފަހު ދައުލަތުން ވަނީ ޔައުމިއްޔާގައި ސޮއިނުކޮށް އޮވެދާނެތޯ ސައީދާ ސުވާލުކޮށްފައެވެ. ޖަވާބުގައި އޭނާ ވިިދާޅުވީ، އީވައިސީގެ ސެކްރެޓޭރިއޭޓުން ފަރުވާތެރިކަމާ އެކު ޔައުމިއްޔާތައް ބަލާ ކަމަށާއި، ހުރިހާ ބައިވެރިން ލައްވާ ސޮއިކުރުވަނީ ވަކި ތަނެއްގައި ބައިތިއްބައިގެން ކަމަށެވެ. އެހެންކަމުން އޭނާ ބައިވެރިވެވަޑައިގެންނެވި އެއްވެސް މަޝްވަރާގެ ޔައުމިއްޔާއެއްގައި ސޮއިނުކުރައްވައި އޮވެގެން ނުވާނެ ކަމަށާއި، ޔައުމިއްޔާތަކުގައި ސޮއިކުރުމަކީ ތަރުތީބުން ކުރައްވަމުން ގެންދެވި ކަމެއްގެ ގޮތުގައި ވިދާޅުވިއެވެ.

ސައީދަށް ފަހު ހާޒިރުކުރި ޒުހޫރު ވެސް ޔައުމިއްޔާގެ ގަނޑުތައް ބެއްލެވުމަށް ފަހު ވިދާޅުވީ، އެ ޔައުމިއްޔާތައް ސައްހަ ނޫން ކަމަށެވެ. އަދި އެ ޔައުމިއްޔާތަކުގައި އޭނާ ސޮއިނުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

ޔާމީންގެ ދިފާއީ ހެއްކެއްގެ ގޮތުގައި އެންމެ ފަހުން ހާޒިރުކުރި ރައީސް އޮފީހުގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މުޖުތާޒް ވިދާޅުވި ގޮތުގައި، ރައީސް އިފީހުން ފޮނުވާ ސިޓީތަކުގައި ސޮއިކުރުމުގެ ބާރު ބައެއް ޑިޕާޓްމަންޓުތަކުގެ ވެރިންނަށް އޮންނާނެއެވެ. އެހެންވެ، ރައީސަށް ނޭނގި ވެސް "ރައީސް ވިދާޅުވެފައިވާ" ކަމަށް އިބާރާތްކޮށް ސިޓީ ފޮނުވާ ކަމަށާއި، އެއީ ޒަމާނުއްސުރެ އަމަލުކުރަމުން އަންނަ އުސޫލު ކަމުގައި ވިދާޅުވިއެވެ.

މިއަދުގެ ޝަރީއަތް ނިންމަވާލައްވަމުން، އިސްގާޒީ އަހްމަދު ޝަކީލް ވިދާޅުވީ، މައްސަލައިގެ ހެކިބަސް ނަގައި މިއަދު ނިމުނީ ކަމަށެވެ. އެހެންކަމުން ދެން އޮންނާނީ ހެއްކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް ބާއްވާ އަޑުއެހުމެކެވެ. އެ އަޑުއެހުން އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

ހެއްކާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށް ތައްޔާރުވުމަށް އޮތް މުއްދަތު މާ ކުޑަ ކަމަށް ބުނެ، ޔާމީނާއި، އެ މައްސަލައިގައި ޔާމީންގެ އިތުރުން ދައުވާ ލިބޭ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ ވަކީލުން ކަންބޮޑުވުން ފާޅުކުރެއްވިއެވެ. ޖަވާބުގައި ގާޒީ ޝަކީލް ވިދާޅުވީ، ހެއްކާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށް އަޑުއެހުން ބާއްވާ ތާރީހް ފަސްކުރެވެން އޮތް ނަމަ އެކަން އަންގަވާނެ ކަމަށެވެ.