އދ ގެ އާންމު މަޖިލީހުގައި ބައިވެރިވެ ވަޑައިގަތުމަށް އެމެރިކާއަށް ވަޑައިގެން ހުންނެވި އީރާނުގެ ރައީސް އެބްރާހިމް ރައިސީ، ސީއެންއެން އަށް ދެއްވަން ހަމަޖެއްސި އިންޓަވިއު ކެންސަލް ކުރައްވައިފިއެވެ.

ސީއެންއެންގައި ރިޕޯޓު ކޮށްފައި ވާ ގޮތުން، އިންޓަވިއު ކެންސަލް ކުރެއްވީ، ރައިސީ އާ އިންޓަވިއު ކުރާ، ސީއެންެއެންގެ ޗީފް އިންޓަނޭޝަނަލް އެންކާ ކްރިސްޓިއަން އަމަންޕޫރު، ބޯ ނިވާކުރަން ދެކޮޅު ހެދުމުންނެވެ.

އަމަންޕޫރަކީ އީރާނުގެ ތެހެރާންގައި އުޅެ ބޮޑުވި ފާރިސީ ބަސް ރަނގަޅަށް އެނގޭ، ސިޔާސީ ފަރާތްތަކުގެ އިންޓަވިއު ނެގުމުގައި ކާބިޔާބު ނޫސްވެރިއެކެވެ.

އޭނާ ބޯ ނިކާކުރަން ދެކޮޅު ހަދާ ބުނެފައި ވަނީ، އީރާނުގައި އޭނާ މަސައްކަތް ކުރި އިރު ބޯ ނިވާ ކުރި ކަމަށާއި، ނަމަވެސް އީރާނުން ބޭރުގައި ބޯ ނިވާ ކުރަން ޖެހޭ ހާލަތެއް ނޯންނާނެ ކަމަށެވެ. އަދި މީގެ ކުރިން އީރާނުގެ ހުރިހާ ރައީސުންގެ އިންޓަވިއު ނެގި ކަމަށާއި އެއިން އެއްވެސް ފަހަރެއްގައި ބޯ ނިވާކުރަން ޖެހިފައި ނުވާ ކަމަށެވެ.

އީރާނުގައި ހުރިހާ އަންހެނުން ބޯ ނިވާކޮށް، ގަޔަށް ދޫ ހެދުން ލުމަކީ، ގާނޫނީ ގޮތުން މަޖުބޫރު ކަމެކެވެ. ޝީއީންގެ މެޖޯރިޓީ އޮންނަ އީރާނުގައި އަންހެނަކު ހެދުން އެޅި ގޮތުން ހައްޔަރު ކޮށްފައި ހުއްޓާ މަރުވި މައްސަލައެއްގައި އާންމު ރައްޔިތުންގެ ވަރުގަދަ މުޒާހަރާތައް މިހާރުވެސް ކުރިއަށް އެބަދެއެވެ. މުޒާހަރާގެ ބައިވެރިންނާ ފުލުހުންގެ ކުރިމަތިލުންތަކުގައި މިހާތަނަށް 36 މީހަކު މަރުވެފައި ވާ އިރު، މުޒާހަރާ ފެށުނީ، އުމުރުން 22 އަހަރުގެ މާޝާ އަމީނީ ބަންދު ކުރިތާ 3 ވަނަ ދުވަހު އޭނާ މަރުވީ، ފުލުހުން އޭނާ އަށް އަނިޔާ ކުރި ކަމަށް އަޑުތައް ފެތުރުމާ އެކުގައެވެ.

މުޒާހަރާގެ ބައެއް ބައިވެރިން ކާރުފަދަ ވެހިކަލްތަކުގައި ރޯކޮށް، ޓަޔަރު އަންދާ، ތަންތަނަށް ގެއްލުން ދިނުމުގެ އިތުރުން ބައެއް އަންހެނުން، އެމީހުންގެ ބުރުގާ ނަގައި، ބޯ ވެސް ކޮށާފައި ވެއެވެ.

އަމަންޕޫރު އިންޓަވިއު ކުރަން އުޅުނީ، އަމީނީގެ މަރާއި، މުޒާހަރާތަކާއި އީރާނުގެ ނިއުކްލިއާ މަޝްރޫއާ ބެހޭ ގޮތުން ކަމަށް ސީއެންއެންގައި ބުނެއެވެ.