މާލޭގެ ރައްޔިތުންނަށް އެކަނި ގޯތި ހިލޭ ދޫކުރުމަކީ ގަބޫލު ކުރެވޭ ސިޔާސަތެއް ނޫން ކަމަށާއި އެކަމަކު އެމްއެންޕީގެ ވެރިކަމެއްގައި ދާއިމީ ހައްލެއް ހޯދައި ދެއްވާނެ ކަމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމް ރޭ ވިދާޅުވެއްޖެއެވެ.

ތާޖުއްދީން ސްކޫލުގައި ރޭ ބޭއްވި އެ ޕާޓީގެ ކޮންގްރެސްގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ ސިޔާސީ ޕާޓީއެއްގެ މަސައްކަތުން ގައުމަށް ފުރިހަމަ ބަދަލެއް ގެންނަން ރިޔާސީ އިންތިހާބުގައި ވާދަކޮށް ކާމިޔާބުކުރަން ޖެހޭ ކަމަށާއި ދިވެހިންނަށް ދިމާވެފައިވާ ގޮންޖެހުންތަކުގެ ތެރޭގައި ސަރުކާރުތަކުން އާންމުންނަށް ފުއްދުންތެރިކަން ހޯދައިދީފައި ނުވުން ހިމެނޭ ކަމަށެވެ.

ނާޒިމް ވިދާޅުވީ ލިބޭ އާމްދަނީން ބޮޑު ބައެއް ކުއްޔަށް ދޭން ޖެހުނަސް ގިނަ ބަޔަކު މާލެ އަށް ހިޖުރަކުރާ ކަމަށާއި ނަތީޖާއަކީ ތަންތަން ކުއްޔަށް ހިފައިގެން ވަރަށް ދަތި ހާލުގައި ކުއްޔާމެދު ވިސްނަ ވިސްނައި ޑިޕްރެޝަނަށް ދިއުން ކަމަށެވެ. ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުނުކުރެވި އެތައް މައްސަލަތަކެއް ފެންމަތިވަމުންދާއިރުވެސް އެ ކަމަށް ދާއިމީ ހައްލެއް ހޯދުމުގެ ބަދަލުގައި ސަރުކާރުތަކުން މަސައްކަތްކުރީ ސިޔާސީ މަންފާއެއް ހޯދުމަށް ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ރައްޔިތުންގެ މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރަން ޖެހޭނީ ހަމައެކަނި ވެރިކަން ލިބުމުން ކަމަށް ގަބޫލު ނުކުރައްވާތީ މިހާރު ވެސް އެ ޕާޓީން އަންނަނީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ޕްލޭނެއް ރޭވުމުގެ މަސައްކަތް ކުރަމުން ކަމަށާއި މާލެއިން ބިން ވަކި ބަޔަކަށް ހިލޭ ދިނުމަކީ އެހެން ދިވެހިންނަށް ކުރެވޭ ވަރަށް ބޮޑު ބޭ އިންސާފެއް ކަމަށެވެ.

ނާޒިމް ވިދާޅުވީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި ރައްޔިތުންނަށް އޯގާތެރިވެރިކަމެއް ކޮށްދެއްވާނެ ކަމަށެވެ. އަދި ރާއްޖޭގެ ފާއިތުވި ސަރުކާރުތަކުން ފެންނަނީ ބޭކާރު ހަރަދުތައް އިތުރުކުރާ މަންޒަރު ކަމަށް ވިދާޅުވެ ނާޒިމް ވަނީ މިހާރުގެ ސަރުކާރަށާއި ފާއިތުވި ސަރުކާރުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.