ސަރުކާރުގެ މަތީ މަގާމުތަކުގެ ތެރެއިން ދެން ހަވާލުވާން އޮތް މަގާމަކީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުކަމަށް އެމްއެންޕީގެ ރައީސް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް މިހެން ވިދާޅުވީ، ރާއްޖެ ޓީވީ "ފަލަސުރުހީ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.
ނާޒިމް ވިދާޅުވީ މިހާތަނަށް ސަރުކާރުގެ އެންމެ މުހިންމު މަގާމުތައް އަދާކުރެވިއްޖެ ކަމަށެވެ. އެގޮތުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުން ފެށިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ވެސް ދައުލަތުގެ ގިނަ ތަންތަނުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބި ސަރުކާރުގެ ކަންތައްތައް ހިނގާގޮތުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބަށް ނިކުތުމުގެ ޝައުގުވެރިކަން އެބަހުރި ކަން ފާހަގަކުރައްވާ ނާޒިމް ވިދާޅުވީ، ކެންޑިޑޭޓެއް ކަނޑައަޅާނީ ޕްރައިމަރީއަކުން ކަމަށެވެ.
އަދި ރާއްޖޭގެ ވެރިކަމަކީ ވަކި ބަޔަކު ކުރަން އޮތް ކަމެއް ނޫން ކަމަށާއި ގައުމަށް ކޮށްދެވިފައި ހުރި ހިދުމަތަށް ބަލާއިރު ދެން ހަވާލުވާން އޮތް މަގާމަކީ ރައީސުލްޖުމްހޫރިއްޔާގެ މަގާމު ކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ މިހާރުގެ ސަރުކާރުން ކަންތައް ކުރަނީ ރައްޔިތުން އެންމެ ހިތްއެދޭ ގޮތަށް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ވެރިކަން ކުރުމުގެ ފުރުސަތު ލިބިވަޑައިގެންފި ނަމަ މިހާރަށް ވުރެ ރަނގަޅަށް ސަރުކާރުގެ ކަންތައް ބައްޓަން ކުރައްވާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.
ޒުވާނުން ބޭނުންވާ ބަދަލެއް ގެނެވޭނީ ޒުވާނުންނަށް ފުރުސަތު ދީގެން ކަން ފާހަގަކުރައްވާ ނާޒިމް ވިދާޅުވީ، އޭރުން ރާއްޖެ އެހެން ހަރުފަތަކަށް ގެންދެވޭނެ ކަމަށެވެ.