އަންނަ އަހަރު ބާއްވާ 95 ވަނަ އޮސްކާ އެވޯޑްސްގެ އެންމެ މޮޅު އިންޓަނޭޝަނަލް ފީޗާ ފިލްމު ކެޓަގަރީ އަށް އިންޑިއާ އިން ފޮނުވާ ފިލްމަކަށް ގުޖުރާތީ ފިލްމު "ދަ ލާސްޓް ޝޯ" ފޮނުވަން ނިންމައިފިއެވެ.

އަންނަ އަހަރު ބާއްވާ އޮސްކާ އެވޯޑަށް އިންޑިއާއިން ފޮނުވާނެ ފިލްމަކާ މެދު ވަނީ ވަރަށް ހޫނުކޮށް ބަހުސްވެސްކޮށްފައެވެ. ގިނަ ބަޔަކު އުންމީދު ކުރީ ޑައިރެކްޓަރު އެސްއެސް ރާޖަމޯލީގެ "އާރްއާރްއާރް" ކަމަށެވެ. އެ ފިލްމަކީ ބޮލީވުޑް ސިނަމާތަކުގެ އިތުރުން އިންޑިއާއިން ބޭރު ސިނަމާތަކުގައި އަޅުވައިގެންވެސް ބޮޑު ކާމިޔާބީއެއް ހޯދި ފިލްމަކަށްވާތީއެވެ. އަދި މި ފިލްމު ފޮނުވަން ގިނަ ބަޔަކު ތާއީދުވެސްކުރިއެވެ.

"ދަ ލާސްޓް ޝޯ" ގެ ޑައިރެކްޓަރު ޕަން ނަލިން ބުނީ އޭނާގެ ފިލްމުތަކަކީ އާންމުންގެ މާބޮޑު ސަމާލުކަމެއް ލިބޭ ފިލްމުތަކެއް ނޫންނަމަވެސް ބޭރުގެ މާކެޓުގައި ވަރަށް ހިނގާ ފިލްމުތަކެއް ކަމަށެވެ. މި ފިލްމު އަންނަ އަހަރު ގެ އޮސްކާ އެވޯޑަށް ފޮނުވާ ވާހަކަ ބުނުމުން ހުރީ ކުޑަކޮށް ޝޮކު ވެފައި ކަމަށާއި މިއީ އެއްވެސް ވަރަކަށް އުންމީދުކުރި ކަމެއްވެސް ނޫންކަމަށް ޑައިރެކްޓަރު ވަނީ ބުނެފައެވެ.

ފަސްދޮޅަސް ހަވަނަ ވެލޮޑޮލިޑް އިންޓަނޭޝަނަލް ފިލްމު ފެސްޓީވަލްގައި ދައްކައިގެން މި ފިލްމަށް ވަނީ ގޯލްޑެން ސްޕައިކް އެވޯޑް ވެސް ލިބިފައެވެ. އެހެންކަމުން މި ފިލްމުވެގެންދާނީ ވަރަށް އުންމީދީ ފިލްމަކަށެވެ. މި ފިލްމު ވަނީ އަންނަ މަހުގެ 14 ވަނަ ދުވަހު ސިނަމާތަކުގައި އަޅުވަން ނިންމާފައެވެ.

އިންޑިއާއަށް އަދި މިހާތަނަށް އޮސްކާ އެވޯޑެއް ނުލިބުނު ނަމަވެސް އިންޑިއާ އިން އަންނަނީ ވަރަށް ކުރީއްސުރެވެސް ފިލްމުތައް އެވޯޑު ހަފްލާ އަށް ފޮނުވަމުންނެވެ. ނަމަވެސް ނަސީބު އަތުގައި ހިފީ އެންމެ ދެ ފަހަރުއެވެ. އެންމެ މޮޅު ފިލްމު ކެރެގަރީއަށް ނޮމިނޭޓްވި ދެ ފިލްމަކީ 1985 ވަނަ އަހަރު ނުކުތް ފިލްމު "މަދަ އިންޑިއާ" އާއި 1989 އަހަރު ނުކުތް ފިލްމު "ސަލާމް ބޮމްބޭ" އެވެ.