އިހަވަންދިއްޕޮޅުގައި ބައިނަލްއަގްވާމީ ބަންކަރިންގެ ހިދުމަތް މިއަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެެ.
ނަހުލާ މިހެން ވިދާޅުވީ، ބައިނަލްއަގުވާމީ ކަނޑުދަތުރާ ބެހޭ ދުވަސް ފާހަގަކުރުމުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ނަހުލާ ވިދާޅުވީ، ރާއްޖެ ހިމެނޭ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކަށް ތެޔޮ ފޯރުކޮށްދިނުމަށް އިހަވަންދިޕޮޅުގައި ތެޔޮ ސްޓޯރޭޖެއް ގާއިމްކޮށް، ބަންކަރިންގެ ހިދުމަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށެވެ.
ނަހުލާ އިތުރަށް ވިދާޅުވީ، އުތުރުގައި ބަންކަރިންގެ ހިދުމަތް ފަށުމަށާއި އެހެނިހެން ގޮތް ގޮތުން ކަނޑުދަތުރުފަތުރުގެ ދާއިރާ ކުރިއެރުވުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މި ސަރުކާރުން ކުރިއަށް ގެންދާ ތަމްރީން ޕްރޮގްރާމްތަކުގެ މަންފާ އެންމެ ރަނގަޅު ގޮތުގައި ކުރާނެ ކަމަށް ނަހުލާ ވިދާޅުވިއެވެ.
ނަހުލާ ވަނީ ކޮވިޑަށް ފަހު ރާއްޖެ އަންނަ އާގުބޯޓު އިތުރުވެފައިވާ ކަން ފާހަގަކުރައްވާ އެކަމާ ގުޅިގެން ރާއްޖޭގެ ޝިޕިންގެ ދާއިރާއަށް ކުރާ ފައިދާ އިތުރުވަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.
ނަހުލާ މިހެން ވިދާޅުވެފައިވާއިރު މީގެ ކުރިން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވަނީ މި އަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އިހަވަންދިއްޕޮޅުގައި ބައިނަލްއަގްވާމީ ބަންކަރިން ހިދުމަތް ފަށަން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.