ށ. މާއުނގޫދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު އިއްޔެ ބާއްވައިފިއެވެ.

ށ. މާއުނގޫދޫ ގައި ބޭއްވި އެ ރަސްމިއްޔާތުގައި ފުނަދޫ ދާއިރާގެ މަޖްލިސް މެންބަރު މުހައްމަދު ޝާހިދު އާއި، މާއުނގޫދޫ ކައުންސިލްގެ ރައީސް އާދަމް ސަލީމް އާއި، އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އާދަމް އާޒިމްގެ އިތުރުން އެމްޓީސީސީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެމްޓީސީސީން ބުނީ، ށ. މާއުނގޫދޫ ބަނދަރު ތަރައްގީ ކޮށް ނިމުމުން، ލަފާފުރުމުގެ ދަތިތައް ހައްލުވެގެން ދާނެ ކަމަށާއި، ދަނޑުވެރިކަމާއި ކަންނެލީގެ މަސްވެރި ކަމަށް މަޝްހޫރު އެރަށަށް ދިމާވެފައިވާ ބަނދަރުގެ ދަތިކަން ހައްލުވުމުން، އިގްތިސޯދީ ފައިދާތަށް ލިބިގެންދާނެ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 59،013.29 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބަރު ބޭސިން ފުންކުރުމާއި، 3245.48 ސަރަހައްދެއްގެ ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުމާއި، 362 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުން ހިމެނެއެވެ. ހަމައެއާއެކު 105 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 312 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 1508.90 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަރު ޕޭވްމަންޓް ހެދުން ވެސް ހިމެނެއެވެ. އަދި ނެރު ބައްތި އާއި މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މި މަޝްރޫއަކީ 59.71 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް އެމްޓީސީސީން ބުނެއެވެ.

ވޭތުވެދިޔަ 3 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫއުތަކެއް ނިންމާފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްގީގެ ދަތުރުގެ މުހިއްމު މަރުހަލާއެއް ގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްގީ އާއި އިޖުތިމާއީ ވަސީލަތްތައް ބިނާ ކުރުމުގައި އެމްޓީސީސީން ދަނީ މުހިއްމު ދައުރެއް އަދާ ކޮށްފައެވެ.