ގދ. ވާދޫގެ ނަރުދަމާ ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

އެކަމަށްޓަކައި އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތް ފައްޓަވައިދެއްވީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދާއި އެމްޑަބްލިޔުއެސްސީގެ ޗެއާމަން އަހުމަދު މައުސޫމާއި ޑީއެމްޑީ މުހައްމަދު ޝަރީފާއި ވާދޫ ކައުންސިލުގެ ނައިބު ރައީސް ހާޝިރު މުހައްމަދު އަދި ވާދޫ ކައުންސިލުގެ އެސްޖީ މުހައްމަދު އިބްރާހިމް ދީދީއެވެ.

ވާދޫ ނަރުދަމާ ގާއިމުކުރުމުގެ މަސައްކަތަކީ ސަރުކާރުން 2020 ވަނަ އަހަރު އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައިވާ މަސައްކަތެއް ނަމަވެސް އެމްޑަބްލިއުއެސްސީ އާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހޮޅިވަޅުލުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ފެނަކައިންނެވެ.

މީގެ އިތުރުން މި އަހަރުގެ އޭޕްރީލް މަހު ފެނަކައިން ވަނީ ވާދޫގެ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. އެ މަސައްކަތުގެ ދަށުން ވާދޫގައި ފެން ހޮޅި ވަޅުލައި މަގުތައް ސާފު ކުރުމާއި ޕްރެޝާ ޓެސްޓު ކުރުމާއި ގޭގެއަށް ކަނެކްޝަން ގުޅައިދޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.