އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުގެ އޮމްބަޑްސްޕާސަނަކަށް ރ. އަނގޮޅިތީމު / ކަނީރުމާގެ، މުސްތަފާ ހަމީދު އައްޔަނުކޮށްފިއެވެ.

މުސްތަފާ އޮމްބަޑްސްޕާސަނަކަށް އައްޔަނުކޮށްފައި ވަނީ ކުރިން އެ މަގާމުގައި ހުންނެވި އެއް ބޭފުޅާ ކަމަށްވާ މަރިޔަމް ލައިޒާ މީގެ ހަފްތާ އެއް ކުރިން އިސްތިއުފާ ދެއްވުމުންނެވެ.

ޝަރީއާ އެންޑް ލޯ އިން ބެޗެލާސް ޑިގްރީ ހާސިލްކުރައްވާފައިވާ މުސްތަފާ މިހާރު ގެންދަވަނީ އިސްލާމިކް ޔުނިވާސިޓީގައި ޖުޑީޝަލް ސައިންސް އެންޑް އިސްލާމިކް ޝަރީއާ ޕޮލިސީގެ ދާއިރާ އިން ކިޔަވާ ވިދާޅުވަމުންނެވެ.

އޭގެ އިތުރުން، ކުޑަކުދިންގެ އަދުލުގެ ނިޒާމުން ތައުލީމް ފުރިހަމަ ކުރެއްވި މުސްތަފާ ވަނީ މިދިޔަ އަހަރުން ފެށިގެން، އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަން އޮފީހުގެ އިންވެސްޓިގޭޓަރު ކަން ކުރައްވައިފައެވެ.

އިންތިގާލީ އޮފީހުގެ އޮމްބަޑްސްޕާސަންގެ އޮފީހުގެ އޮމްބަޑްސްޕާސަން ކަމަށް ބޭފުޅުން އައްޔަނު ކުރައްވަނީ ސީދާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. މުސްތަފާގެ އިތުރުން، އޮމްބަޑްސްޕާސަނަކަށް މިހާރު ހުންނެވީ ޖިހާދާ އަނީސެވެ.

މީގެ ގާތްގަނޑަކަށް ދެ އަހަރު ދުވަހު ކުރިން ޑިސެމްބަރުގައި އުފެއްދި އޮމްބަޑްސްޕާސަންގެ އޮފީހުގެ ޗީފް އޮމްބަޑްސްޕާސަނަކީ އަބްދުއްސަލާމް އާރިފެވެ.

އެ އިދާރާ އުފައްދާފައި ވަނީ ކުރީގެ ރައީސުން ކަމަށްވާ މުހައްމަދު އަމީންގެ ވެރިކަމުން ފެށިގެން އަބްދުﷲ ޔާމީންގެ ވެރިކަމުގެ ނިޔަލަށް ނިޒާމީ ގޮތެއްގައި ރޭވިގެން، ނުވަތަ ދައުލަތުގެ އިދާރާ އަކުން، ނުވަތަ އެ ތަނުގެ ވެރިއަކު މީހެއްގެ އިންސާނީ ހައްގަކަށް އަރައިގެންފައިވާ ނަމަ، އެ މައްސަލަ ބަލައި އިންސާފު ހޯދައިދިނުމަށެވެ.