އަމީނީމަގުގައި ތާރު އަޅައި އަލުން ހެދުމަށްޓަކައި އެ މަގުގައި ހުރި ގަސްތައް ކަނޑާތީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.

"މާލެ ސްޓްރީޓްސްކޭޕިން" މަޝްރޫއުގެ ދަށުން، ޒަމާނީ ފެންވަރަކަށް އަމީނީމަގު ހަދަން ފެށީ މިދިޔަ މަހުގެ 30 ގައެވެ. އެ މަޝްރޫއުގެ ދަށުން އެ މަގުގައި ހުރި ގަސްތައް ނަގަން ފަށާފައިވާއިރު، އެ ގަސްތައް ގެންދާނީ ސަރުކާރުން ތަރައްގީކުރާ ކުޑަގިރި އަށް ކަމަށް، އާރުޑީސީން ބުންޏެވެ.

މިއަދުގެ ޖަލްސާ ފައްޓަވަމުން އެކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވައި ނަޝީދު ވިދާޅުވީ، އަމީނިމަގުގައި ގަސްތައް ބަހައްޓައިގެން، އެ މަގު ހެދޭނެ ގޮތެއް ހޯދަން ޖެހޭ ކަމަށެވެ.

"ގަހެއް ހެދުމަށް 20-15 އަހަރު އެބަ ނަގާ. [ނަމަވެސް] މަގެއް ހެދުމަށް ދެ ތިން މަހެއް މި ވަނީ. ގަސްތައް ބަހައްޓައިގެން މަގުތައް ހެދޭނެ ގޮތެއް ހޯދުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް."
މުހައްމަދު ނަޝީދު | ރައްޔިތުންގެ މަޖިލިހުގެ ރައީސް

ސިޓީ ކައުންސިލުންނާއި އާރުޑީސީން ގަސްތައް ނުކަނޑައި، އަމީނީމަގު ހެދޭނެ ގޮތެއް ހޯދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް، އެމަނިކުފާނު ވިދާޅުވިއެވެ.

ގަސްތައް ނަގާތީ އަމާޒުވި ފާޑުކިޔުންތަކަށް ރައްދުދީ ނެރުނު ބަޔާނެއްގައި އާރުޑީސީން އިއްޔެ ބުނީ، އަމީނީމަގު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފައި އޮތީ އެ މަގުގައި ހުރި ގަހަކަށް ގެއްލުން ނުވާނެ ފަދަ ގޮތަކަށް ކަމަށެވެ.

ނަމަވެސް، ނަރުދަމާގެ އިތުރުން އެހެން ބައިވަރު ނެޓްވޯކުތައް ވެސް އެ މަގުގައި ވަޅުލާފައިވާތީ، އަމީނީމަގު ހެދުމަށް ދަތިތައް އެބަހުރި ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.