އއ. އަދި އދ. އަތޮޅުގެ 14 ރަށެއްގެ މަގުބައްތި މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތް ސްޓެލްކޯއާ ހަވާލުކޮށްފިއެވެ.

މިއަދު ސްޓެލްކޯ އޮޑިޓޯރިއަމްގައި ބޭއްވި ރަސްމިއްޔާތެއްގައި 14 ރަށެއްގެ ކައުންސިލާއެކު ވަނީ ގުބައްތި މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތާ ގުޅޭ އެމްއޯޔޫތަކެއްގައި ސޮއި ކޮށްފައެވެ. އެމްއޯޔޫގައި ސޮއިކުރެއްވީ ސްޓެލްކޯގެ އެކި އިސްވެރިންނާއި ކައުންސިލްތަކުގެ ރައީސުންނާއި މެންބަރުންނެވެ.

އެ އެއްބަސްވުމުގެ ދަށުން ސްޓެލްކޯ އިން މަގުބައްތި މަރާމާތުކޮށް ބަލަހައްޓާ ރަށްތަކުގެ ތެރޭގައި އއ. އަތޮޅުގެ ފަސް ރަށާއި އދ. އަތޮޅުގެ ނުވަ ރަށެއް ހިމެނެއެވެ. އެ ރަށްތަކަކީ އއ. އަތޮޅުން މަތިވެރި، ބޮޑުފޮޅުދޫ، ފެރިދޫ، މާޅޮސް، ހިމަންދޫ އަދި އދ. އަތޮޅުން ހަންޏާމީދޫ، އޮމަދޫ، ކުނބުރުދޫ، މަހިބަދޫ، މަންދޫ، ދަނގެތި، ދިގުރަށް، ދިއްދޫ، ފެންފުށި އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ އެމްޑީ ޝަރީފު ވިދާޅުވީ، މި މަސައްކަތާ ސްޓެލްކޯ އިން ހަވާލުވަނީ ހަމައެކަނި ނަމެއްގައި ނޫން ކަމަށެވެ. އެގޮތުން މިކަން އެންމެ ފުރިހަމައަށް ކުރުމަށް، ސްޓެލްކޯ އިން ހިދުމަތްދޭ 31 ރަށުގެ ސްޓޭޝަން މެނޭޖަރުންނާ ބައްދަލު ކުރި ކަމަށާއި، ސްޓެލްކޯ އިން މިކަން ކުރާ މަގުސަދު އޮޅުން ފިލުވައިދީ، މިކަމާ ހަވާލުވަނީ މަގުބައްތިތައް މަރާމާތުކޮށް ބެލެހެއްޓުމުގެ ހުރިހާ ކަމެއް ކުރާ ގޮތަށް ކަމަށް ޝަރީފް ވިދާޅުވިއެވެ.

މަގުބައްތިތައް މަރާމާތުކޮށް ބެލެހެއްޓުމަށް ބޭނުންވާ ހުނަރު ކައުންސިލްތަކުގައި ނުހުރެދާނެ ކަމަށާއި ނަމަވެސް ސްޓެލްކޯގައި އެކަމަށް ބޭނުންވާ ހުނަރު ހުރި މުވައްޒަފުންނާއި ވަސީލަތްތައް އެބަހުރި ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި އެ ރަށްރަށުގެ މަގުބައްތިތައް މި މަސައްކަތް ނިމުމަށް ފަހު ހުންނާނީ ދިއްލިފައި ކަމަށާއި ދަބަރު ޖަހާފައި ހުރި މަގުބައްތީގެ ހޮޅިދަނޑިއެއް ނުހުންނާނެ ކަމަށް ޝަރީފު ވިދާޅުވިއެވެ.