ޒީރޯ ކޮވިޑް ސިޔާސަތެއް ގެންގުޅޭ ޗައިނާގައި، ކޮވިޑް ކަރަންޓީން ފެސިލިޓީއަކަށް ދިޔަ ބަހެއް އެކްސިޑެންޓްވެ އެއިން ދަތުރުކުރި 27 މީހަކު މަރުވެއްޖެއެވެ.

ހަބަރުތައް ބުނާ ގޮތުން، މި އެކްސިޑެންޓް ހިނގީ، ކޮވިޑްގެ އަލާމާތް ހުރި ބަޔަކު ކަރަންޓީން ކުރަން ފެސިލިޓީއަށް ދިޔަ މަގުމަތީގައި ކާރު ދުއްވަން ހާއްސަ މަގަކުން އަނބުރާލި ވަގުތު އެވެ.

މުޅި ދުނިޔެ ކޮވިޑާ އެކު އުޅެން ދަސްކޮށް، އެ ސިޔާސަތު ތަންފީޒު ކުރަމުން ދާ އިރު، ޗައިނާ އަކީ އަދިވެސް، ކޮވިޑަށް ޕޮޒިޓިވް ވާ މީހުންނާއި، ކޮންޓެކްޓު ވާ ފަރާތްތައް އެކަހެރިކޮށް ކަރަންޓީން ކުރަމުން އަންނަ ގައުމެކެވެ.

މިހާދިސާ ހިނގި ޗައިނާގެ ގުއިޒޯ އަކީ މި ވަގުތު ޗައިނާއިން ފެންނަ ކޮވިޑް ކޭސްތަކުގެ 70 ޕަސެންޓް ހިއްސާ ކުރާ ޝަހަރެވެ. އެ ޝަހަރުން އިއްޔެ 712 ކޭސް ފެނިފައި ވެއެވެ. ހަބަރުތައް ބުނާ ގޮތުން، މުޅި ޗައިނާއިން ފެންނަ ކޮވިޑް ކޭސްތަކުގެ އަދަދު، އަތުން ގުނާ ލެވޭހާ މަދު ވެފައި ވީ ނަމަވެސް ޗައިނާގެ ކަރަންޓީން ކުރުމުގެ ސިޔާސަތަށް ބަދަލެއް ނުގެނެއެވެ.

މިއާއެކު އާންމުންގެ ފާޑުކިޔުންތައް ޝޯޝަލްމީޑިއާގައި ހިއްސާކުރަމުން ދިޔަނަމަވެސް، ސަރުކާރާ ދެކޮޅަށް އެތެރޭގައި އަޑުއުފުލާކަށް ނުކުރެއެވެ. ކޮމިޔުނިސްޓް ޗައިނާއަކީ ސަރުކާރާ ދެކޮޅަށް އަޑުއުފުލާ އަދި ހަރަކާތްތެރިވާ ފަރާތްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އަޅާ ގައުމެއް ކަމުން ފާޅުގައި އަޑުއުފުލައި ހަދަން ރައްޔިތުން ފަސް ޖެހެއެވެ.

ކޮންމެ 5 އަހަރަކުން 1 ފަހަރު ބާއްވާ ކޮމިއުނިސްޓް ޕާޓީ އިންތިހާބު އަންނަ އޮކޮޓޯބަރަށް ތާވަލް ކޮށްފައި ވާއިރު، ކޮވިޑްގެ ހާލަތާ ގުޅޭ ގޮތުން މަޝްވަރާ ކުރާނެކަމަށް ބެލެވޭ ކަމުގައި މުރާސިލުން ބުނެއެވެ.

ޗައިނާގައި މިހާރުވެސް ކަންމަތީ ފިހާރަތަކާއި، އާންމު އޮފީސްތަކަށް ވަންނަން ބޭނުން ނަމަ ކޮންމެ 3 ދުވަހަކުން 1 ދުވަހު، އެންމެން ޕީސީއާރު ޓެސްޓް ހަދަން ޖެހެއެވެ.