މި ސަރުކާރުގެ ތަސައްވުރަކީ ރަށްތައް އެއްފަސްކުރުން ނޫން ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިހެން ވިދާޅުވީ، ގދ. ދާންދޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އަސްލަމް ވިދާޅުވީ، ސަރުކާރުގެ ވިސްނުމަކީ ރަށްތައް ތަރައްގީކޮށް، އެރަށަކުން ހިދުމަތް ލިބި އެހެން ރަށްރަށުގެ މީހުން ވެސް އެ ރަށްތަަކަށް ދެވޭނެ އިންތިޒާމް ހަމަޖެއްސުން ކަމަށެވެ.

ޒަމާނެއް ދިޔަ، އަޅުގަނޑުމެން އެއް ރަށުން އަނެއް ރަށަށް މީހުން ބަދަލު ކުރި ޒަމާނެއް. ރަށްރަށުގެ އާބާދީ މާ ކުޑައޭ. އެހެންވީމަ ތަރައްގީއެއް ނުގެނެވޭނޭ. ބޮޑު ރަށަކަށް ގޮސް އެންމެން އެއްތަނަކަށް ޖަމާކުރީމައޭ އަސްލުގަ ތަރައްގީ ގެނެވޭނީ .. އަޅުގަނޑުމެންގެ ތަސައްވުރުގައި އެއީ ރާއްޖެއެއް ނޫން
ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް

މާލެ ތަރައްގީކުރަން ކޮށްފައި ހުރި މަސައްކަތުގެ ސަބަބުން އަތޮޅުތަކުގެ ތަރައްގީއަށް ދީފައިވާ އިސްކަން ކުޑަވެފައިވާ ކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، މާލެ ހިމެނޭހެން ރަށްތައް ތަރައްގީ ކުރެވޭނީ މުޅި ރާއްޖެއަށް ތަރައްގީ ފަތުރާލައިގެން ކަމަށެވެ.

ކިޔެވުމާއި ބޭސްފަރުވާ އާއި ވިޔަފާރީގެ ފުރުސަތުތައް ފުޅާވެފައި އޮތީ މާލޭގައި އެކަނި ކަމަށާއި އެކަމުގެ ސަބަބުން ވަރަށް ގިނަ އިޖުތިމާއީ މައްސަލަތައް ވެސް އުފެދިފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އެކަން ކުރުމަށް މި ސަރުކާރުގެ ޕްލޭނަކީ މުޅި ރާއްޖެ ތިން ސަރަހައްދަކަށް ބަހާލައި، ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުން ކަމަށް އަސްލަމް ވިދާޅުވިއެވެ. އެ މަސައްކަތް މިހާރު ވަރަށް ބާރަށް ކުރިއަށް ދާ ކަމަށް އަސްލަމް ފާހަގަ ކުރެއްވިއެވެ.

އަސްލަމް އިތުރަށް ވިދާޅުވީ، ރާއްޖޭގެ ތަރައްގީގެ ދުވެލި ބާރުވެގެން އައީ މި ވޭތުވެދިޔަ 15 އަހަރު ދުވަހުގެ ތެރޭގައި ކަމަށެވެ. އެއީ ރައްޔިތުންނަށް ބަސް ބުނުމުގެ މިނިވަންކަން ލިބުމާއި ވާދަވެރި ސިޔާސީ ހަރަކާތްތައް ގައުމަށް ތައާރަފްވުމުން ކަމަށް އަސްލަމް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި އަސްލަމް ވަނީ ސަރުކާރުގެ އަމާޒަކީ މުޅި ރާއްޖެ ދަތުރު ފަތުރުގެ ނިޒާމްމުން ގުޅާލުންކަން ފާހަގަކުރައްވާ މިވަގުތު ދެމުން އަންނަ ފެރީގެ ޚިދުމަތް ގިނަބަޔަކު މިހަރު ވެސް ހޯދަމުން އަންނަ ކަމަށް ވިދާޅުވެފައެވެ. މިގޮތުން މިދިޔަ މަހުގެ ނިޔަލަށް ބައިލައްކައަށް ވުރެ ގިނަ މީހުން ހއ. އާއި ހދ. ގެ ރަށްތަކަށް ދަތުރުކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިހާރު މުޅި ރާއްޖެއަށް މި ހިދުމަތް ފުޅާކުރުމަށްޓަކައި މަސައްކަތް ކުރައްވަމުން އަންނަ ކަމަށާއި އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ހައި ސްޕިޑް ފެރީގެ ހިދުމަތް ހުވަދު އަތޮޅުގައި ފައްޓަވާނެކަމަށް އަސްލަމް ވިދާޅުވިއެވެ.