ހދ. ކުޅުދުއްފުށި ހޮސްޕިޓަލްގެ އޯޕީޑީ އިމާރާތުގެ މަސައްކަތުގެ 64 ޕަސެންޓް ނިމިއްޖެއެވެ.

މި މަޝްރޫއުގެ ދަށުން، އޯޕީޑީ އިމާރާތަކާއި، ވޯޑް އިމާރާތަކާއި، އައިސީޔޫ ޔުނިޓަކާއި ލެބޯޓަރީ އިމާރާތެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ. އެމްޓީސީސީން ބުނީ އޯޕީޑީ އިމާރާތުގެ މަޝްރޫއުގެ މަސައްކަތުގެ 64 ޕަސެންޓް ނިމިފައިވާ ކަަމަށާއި ޕޮއިންޓް ވަޔަރިން، ފިޓިންގްސް، މޭސަނަރީ އާއި ޕްލާސްޓަރިން މަސައްކަތްތައް ވެސް ވަނީ ނިމިފައި ކަމަށެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އޯޕީޑީ އިމާރާތް ހެދުމުގެ މަޝްރޫއަކީ އެ ހޮސްޕިޓަލުގައި މަރާމަތުގެ މަސައްކަތުގެ ދަށުން ކުރިއަށް ގެންދާ ކަމެކެވެ. އެގޮތުން އެ އޯޕީޑީ އިމާރާތުގައި ބަލި މީހުން ބެލުމަށް ހާއްސަ 21 ރޫމާކާއި، ޓްރީޓްމަންޓް ރޫމަކާއި، ޕްރޮސީޖާ ރޫމަކާއި، އީސީޖީ ރޫމެއްގެ އިތުރުން އެކޯ ރޫމެއް ހަދަން ވަނީ ހަމަޖެހިފައެވެ. ހަމައެއާއެކު އައިސީޔޫ ޔުނިޓް އެޅުމާއި، ލެބޯރެޓަރީ އިމާރާތް އެޅުމުގެ މަސައްކަތް ވެސް ހިމެނެއެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަސައްކަތުގެ އަގަކީ 30.3 މިލިއަން ރުފިޔާއެވެ.

މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކޮށް ސޮއި ކުރީ ނޮވެންބަރު 14، 2020 ގައެވެ.